އިންޑިއާގައި ގެރި ކަތިލުމުން އުމުރުދުވަހުގެ ޖަލު ހުކުމެއް!
އިންޑިއާގައި ގެރި ކަތިލުމުން އުމުރުދުވަހުގެ ޖަލު ހުކުމެއް!

އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ގެރި ކަތިލާ މީހުން އުމުރަށް ޖަލަށް ލާ ގޮތަށް ހަމަޖައްސައި ގާނޫނު ތަންފީޒުކުރަން މިއަދު ފަށައިފި އެވެ.

އެ ސްޓޭޓްގައި ޖަނަވާރުން ހިމާޔަތްކުރަން ހަދާފައިވާ ގާނޫނަށް ގެނައި ބަދަލުގައި، ގެރި މަސް ވިއްކުމުގެ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ޖަލަށް ލުން ވެސް ހިމަނާފައިވެ އެވެ.

އިންޑިއާގެ އާބާދީގެ ބޮޑު ބައެއް ނިސްބަތްވާ ހިންދީ ދީނުގައި ގެރިއަކީ މާތްކޮށް ހިތާ ޖަނަވާރެކެވެ. އަދި ބައެއް ސްޓޭޓްތަކުގައި ގެރި މެރުމަކީ ކުށެކެވެ.

އެކަމަކު ގުޖުރާތުގެ ގާނޫނަށް ގެނައި ބަދަލަކީ ގެރީގެ ހިމާޔަތުގައި މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.

ގުޖުރާތުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ޕްރަދީޕްސިންހު ޖަދެޖާ ވިދާޅުވީ ގެރިއަކީ އިންޑިއާގެ ސަގާފަތުގެ ވަރަށް މުހިންމު ނިޝާނެއް ކަމަށެވެ. އަދި ގެރީގެ ހިމާޔަތުގައި ގާނޫނަށް ބަދަލުތައް ގެނައީ "އާންމުންނާ މަޝްވަރާކުރުމަށް ފަހު" ކަމަށް ވެސް ވިދާޅުވި އެވެ.

ގެރި ކަތިލާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމުގެ އިންޒާރު ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވަރަށް ގިނައިން ދެއްވަ އެވެ.

ގުޖުރާތުގެ އާ ފިޔަވަޅު މިއައީ، އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި އެއްގަމު މަސް ވިއްކާ ތަންތަން ބަންދުކުރުމުގެ މައްސަލަ ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ދާދި ފަހުން އޮތް އިންތިޚާބު، ހިންދީންގެ ދީނީ ފިކުރަށް ނިސްބަތްވާ ބީޖޭޕީން ކާމިޔާބުކުރުމާ އެކު އެ ސްޓޭޓްގެ ސަރުކާރުން ވަނީ އެއްގަމު މަސް ވިއްކާ ތަންތަން ބަންދުކުރަން ފަށައިފަ އެވެ. އެގޮތުން ގެރި މަސް ނޫނަސް، ބަކައްޓާއި ކަންބަޅި މަސް ވިއްކާ ތަންތަން ވެސް، ބެލުމެއް ނެތި، ބަންދުކުރުމުން، ވަރަށް ގިނަ ބަޔަކު ތިބީ ރުޅިއައިސްފަ އެވެ.

އެއްގަމު މަސް ވިއްކުމުގައި ގިނައިން އުޅެނީ މުސްލިމުން ކަމަށް ވާތީ، ބައެއް މުސްލިމުން ދެކެނީ މިއީ އެ މީހުންނަށް ނިސްބަތްކޮށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އެއްގަމު މަހުގެ ވިޔަފާރީގައި މުޅި އުމުރު ހޭދަކޮށްފައިވާ ބައެއް މުސްލިމުން ބުނި ގޮތުގައި، ގެރި މަސް ވިއްކާ ނަމަ ސަރުކާރުން ފިޔަވަޅު އެޅުން އެންމެ ރަނގަޅެވެ. އެކަމަކު ބަކަރި މަހާއި ކަންބަޅި މަސް ވިއްކާ ތަންތަން ބަންދުކުރުމަކީ، އެ މީހުންގެ ދިރިއުޅުން ހަލާކުކޮށްލުން ކަމަށް ބުނެ އެވެ.

މަހުގެ ވިޔަފާރީގައި އުޅޭ މީހުން ބުނަނީ އެންމެ ގިނައިން ބަކަރި މަހާއި ކަންބަޅި މަސް ގަންނަނީ ވެސް ހިންދީން ކަމަށެވެ. އަދި މަސް ވިއްކުން ހުއްޓަވައިގެން ބައެއްގެ ދީންވެރިކަން ބޮޑުވާނެކަން ނުވިސްނޭ ކަމަށް ވެސް، ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

"މީގެ ދެ ހަފުތާ ކުރިން އަހަރެންގެ ފިހާރަ ބަންދުކުރި ފަހުން އެއްވެސް ލާރިއެއް ނެތް. އަހަންނަކަށް ނޭނގޭ އަހަރެންގެ ދަރިންނާއި އުމުރުން ދުވަސްވެފައި ތިބި މައިންބަފައިންނަށް ކާންދޭނީ ކިހިނެއް ކަމެއް،" ޝަކީލް އަހުމަދު ބުންޏެވެ.

"މިހެން މިވީ އަހަރެން މުސްލިމަކަށް ވީމަތަ؟ ނުވަތަ އެއްގަމު މަސް ވިއްކާ މީހަކަށް ވީމަތަ؟"

ގެރިމަސް ވިއްކާ ކަމުގެ ތުހުމަތު އަޅުވައި، ހިންގި ހަމަނުޖެހުންތަކުގައި ބައެއް މުސްލިމުން އިންޑިއާގައި މަރުވެފައިވެ އެވެ. އެފަދަ އެއް ހާދިސާއެއްގައި ތަހުގީގުކޮށް ބެލިއިރު، އެ ގޭގައި ބަހައްޓާފައި ހުރީ ބަކަރި މަހެވެ.