މިސްކިތަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހަޅައިފި
މިސްކިތަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހަޅައިފި

މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގާނޫނުގައި ވަކިން ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރަައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ބިލުގައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ. ގާނޫނުގެ އެ މާއްދާ އަކީ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ހިންގައިފި ނަމަ ޓެރަރިޒަމަށް ވާނެ އަމަލުތަކެކެވެ.

ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ބިލުގެ ތައާރަފްގައި ކުޑޫ ވިދާޅުވެފައި ވަނީ "ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމު" ވެފައިވާ ކަމަށެވެ. އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިއްމު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ލިސްޓްގައި ފުރަތަމައަށް އޮތީ މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ދިނުމެވެ. ދެވަނަ އަށް އޮތީ ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުމެވެ. މީހުން ރަހީނުކުރުމާއި މުދަލަށް ބޮޑެތި ގެއްލުންތައް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދުތައް ހައިޖެކްކުރުމަކީ ވެސް އެ ގާނޫނުގައި ޓެރަރިޒަމް ކަަމަށް ކަނޑައަޅާފައި ހުރި ކަންތައްތަކެވެ.

އާއްމުންނަށް ނުވަތަ އާއްމުންގެ ތެރެއިން ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކަލެެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުމާއި މުހިއްމު އުމްރާނީ ވަސީލަތަކަށް ގެއްލުއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ވެސް އެއީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް ގާނޫނުގައި މިހާރު ވެސް އަބަ އޮތެވެ.