މެމްބަރުންގެ ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަށް ނުދާން ފާސްކޮށްފި
މެމްބަރުންގެ ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަށް ނުދާން ފާސްކޮށްފި

ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަން ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށް ކަނޑައެޅުމަށެވެ.

މުޅި މަޖިލީހުގެ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށްފަހު ވޯޓަށް އެހިއިރު، ފުނަދޫ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު މަމްދޫހު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފަ އެވެ.

އެހެންވެ، އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ މާއްދާ އުނިކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މަޖިލީހުގެ ކޮމެޓީން ފާސް ކުރިއިރު، ޕާޓީ ބަދަލުކުރާ ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކުރިން އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިިން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުވުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިހާތަނަށް ކުރިއަށް ނުގެންދެ އެވެ.