24 ނޮވެމްބަރ 2025 - 14:35

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަމަލާ ދިން އިރު އެކަން ނުހުއްޓުވުނު މައްސަލައިގައި އިޒްރޭލު ސިފައިންގެ އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށްފައިވާ ކަމަށް އަސްކަރިއްޔާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު ބުނެފި އެވެ.
ޒާމިރު ބުނީ ހަމާސްގެ ހަމަލާ ތަހުގީގުކުރުމަށް ފަހު، އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށް އަދި ބައެއް މީހުންނަށް އިންޒާރު ދީ ނަސޭހަތްތެރިވެ އެކި ފިޔަވަޅުތައް އެޅީ އާންމު ރައްޔިތުން ހިމާޔަތްކުރުމުގައި އަސްކަރިއްޔާ ފެއިލްވުމުން ކަމަށެވެ.
އިޒްރޭލުގެ ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސް ޖެނެރަލުން އާމީ ޗީފްއާ ބައްދަލު ކުރުމަށް ހާޒިރުކޮށް އެ މީހުންގެ އަމަލުތަކާ މެދު ނިންމި ނިންމުންތައް އަންގައި، ވަޒީފާއިން ވަކިކުރުމުން ފެށިގެން ގޮސް، އެކި ޖެނެރަލުންނާ މެދު އެކި އެޅި އެކި ފިޔަވަޅުތައް ވަނީ އަންގައިފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލު ތެރެއަށް ވަދެގަނެ ކުއްލިއަކަށް ދިން ހަމަލާތަކުގައި 1،219 މީހަކު މަރާލި އެވެ. އަދި 250 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ގެންދިޔަ އެވެ.
އޮކްޓޫބަރު 7 ގެ 'އަގްސާ ތޫފާން' އަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތް ހުއްޓުވައި މިނިވަންކަމުގެ ހަރަކާތް ނައްތާލުމަށް އިޒްރޭލުން ކުރަމުން ދިޔަ ކަންކަމަށް ދިން ތާރީހީ ރައްދެއްކަން ކަމަށް ހަމާސް އިން ވަނީ އެ ހަމަލާއަށް ދެ އަހަރު ފުރުނު ދުވަހު ބުނެފަ އެވެ.
އޮކްޓޫބަރު 7 ގެ ހަމަލާއާ އެކު، ހަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ، އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަމަލާތައް ފަލަސްތީނުގެ 67،160 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން އެތައް ލައްކަ ބަޔަކު ޒަހަމްވެފައިވެ އެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ދޭ ހަމަލާތަކުގައި ޝަހީދުވަމުންދާ ގިނަ މީހުންނަކީ އާންމުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ އެވެ.
އިޒްރޭލުން ޣައްޒާ ހިސާރުކޮށް އެހީގެ ސާމާނު ހުއްޓުވުމުގެ ސަބަބުން މުޅި ޣައްޒާ ބަނޑަށްޖެހުމުގެ އިތުރުން މުޅި ޣައްޒާ ވަނީ ބިމާ ހަމަވެފަ އެވެ.