އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ގޯސްވެ ނިޔާވި މައްސަލައެއް ބަލަނީ
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ގޯސްވެ ނިޔާވި މައްސަލައެއް ބަލަނީ

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތް އަންހެނެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި ނިޔާވީ ހިތަދޫގެ ޒުވާން އަންހެނެކެވެ.

މި މަރާ ގުޅިގެން، އިހުމާލުގެ ތުހުމަތު ވެސް ކޮށްފައި ވަނިކޮށް އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ މިއަދު ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހިސާބަށް ވެސް ލިބެމުންދިޔަ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު ބަލިމީހާ ދިޔައީ ކަންތައްތައް ހިއްސާކުރަމުންނެވެ.

އައިއެމްޑީސީން ބުނީ އެ މީހާގެ ހާލަތު ކުއްލިއަކަށް ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެއް ކަމަށާއި އެހެންވެ އިމަޖަންސީގައި ވަގުތުން ފަރުވާދޭން ފެށި ކަމަށެވެ.

އެކަމަކު މާބަނޑު މީހާގެ އިމަޖަންސީ އޮޕަރޭޝަނުގައި ސަލާމަތްކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށް، މައި މިީހާގެ މަރާ މެދު ހިތާމަ ފާޅުކޮށް އަދި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އަައިއެމްޑީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

"އިމަޖަންސީ މެޑިކަލް ހާލަތް ދިމާވީ ގާތްގަނޑަކަށް ފަތިހު 4:39 ގަ އެވެ. އެވަގުތުން ފެށިގެން ބަލި މީހާއަަށް ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށި އެވެ. އަދި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކްލިނިކަލް ސްޓާފުން ވަރުބަލި ކަމެއް ނެތިކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައި ނުވާކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރަމެވެ." ބަޔާނުގައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ 2011 ވަނަ އަހަރު އެ ހޮސްޕިޓަލު ހުޅުވިފަހުން އެފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ސްޕެޝަލިސްޓް ޓީމުން ވަނީ އެ ކުއްލި ހާލަތުގައި ވެސް އެންމެ މަތީ ފެންވަރުގެ ފަރުވާ ދިނުމަށް މަސައްކަތްކޮށްފައި ކަމަށް ބުންޏެވެ.

އައިއެމްޑީސީން ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ބަލައި ދިރާސާކުރަމުން އަންނައިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.