24 ނޮވެމްބަރ 2025 - 14:01

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ) 4 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ޑީޖީޖީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް މިހާރު ރަޖިސްޓްރޭޝަނަށް ހުޅުވާލާފައި ވާއިރު، މި މުބާރާތަށް ރަޖިސްޓްރީކުރެވޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ގޭމަރުންގެ މެދުގައި މަގުބޫލް އެމްއެލްބީބީގެ މި މުބާރާތް އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. މި މުބާރާތް ކުރިއަށް ދާނީ އޮންލައިންކޮށެވެ. މި މުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ. ގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭގައި ގޭމިން ކުރިއަރުވައި، ގޭމަރުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ދިރާގުން ތައާރަފްކުރި ޑީޖީޖީ ޕްލެޓްފޯމުން ވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް، މޯލްޑިވްސް ގޭމިން ކޮންކުއެސްޓް ބާއްވައިފަ އެވެ. މި އަހަރު ބޭއްވި މި މުބާާތުގައި 1،500 އަށް ވުރެ ގިނަ ގޭމަރުން ބައިވެރިވި އެވެ.
ދިރާގުން އަންނަނީ ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމަރުންގެ ހުނަރު ތަރައްގީކޮށް، އީ-ސްޕޯޓްސްގެ ދާއިރާ ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.