24 ނޮވެމްބަރ 2025 - 13:02

މި މަހުން ފެށިގެން ޕޭ ހާމަނައިޒްކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކާ އެކު އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް މުސާރަ ލިބެން ފަށާނީ އަންނަ ޑިސެމްބަރު މަހު ލިބޭ މުސާރައާ އެކު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ހާޒިރީ އަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އިނާޔަތްތައް ހިސާބު ކުރަނީ މިދިޔަ މަހުގެ 16 އިން މި ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އެހެންވެ، މިހާރު މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކުގެ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ ޑިސެމްބަރު މަސް ނިމޭއިރު ލިބޭ މުސާރަ އިން ކަމަށް މިނިސްޓްރީން ބުންޏެެވެ.
މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ، ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 އާ ހަމައަށް އޮންނަ އުސޫލަކީ ސިވިލް ސާވިސްގެ ގަވާއިދާއެއްގޮތަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެކެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ހިސާބު ކުރުމުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، މި ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބު ކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި އިނާޔަތްތައް ހިމަނައިގެންނެވެ. އަދި ނޮވެމްބަރު 1 އިން ފެށިގެން ލިބޭ އިނާޔަތްތައް ހިސާބުކުރާނީ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ކަމަށް ވާތީ، ނޮވެމްބަރު މަހުގެ މުސާރަ ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އިނާޔަތްތަކުގެ އެއް ބައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އާ ފްރޭމްވޯކަށް ބަދަލުވުމާ ގުޅިގެން އެެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށް ޕޭކޮމިޝަނުން ވަނީ "މައިގްރޭޝަން އެލަަވަންސް ދޭނެ ގޮތުގެ މިންގަނޑު" ތައާރަފު ކޮށްފައި ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް ވެސް ހަމަޖެހޭނެ ކަމަށް ބުންޏެވެ.
އެކަމަކު އެއީ ވެސް ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެއީ ވަރަށް މަދު މުވައްޒަފުންތަކެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕޭ ފްރޭމްވޯކްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރު ގަޑީގެ ފައިސާ ދެވޭ ގޮތަށް އޮތް ނިޒާމު ބަދަލުކުރުމަށް ކަމަށާއި އެއީ މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ސަގާފަތެއް އާލާކުރަން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
އެ ބަދަލަކީ މުވައްްޒަފުންނަށް އާމްދަނީގެ ކުރިން ލިބޭ ގޮތަށް ވޯކް ލައިފް ބެލެންސެއް ގެނެސްދިނުމާ އެކު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން މަގުފަހިކުރުމަށް ގެނައި ބަދަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެެ.
ފިނޭންސް މިނިސްޓްރީން މުސާރަ އަށް އަންނާނެ ބަދަލުތަކުގެ ތަފްސީލު ދީފައި މިވަނީ މުސާރަ ބޮޑުނުވާ ކަމުގެ ޝަކުވާ މުވައްޒަފުން ކުރަމުންދަނިކޮށެވެ. އެކަމާ ނުރުހުން ފާޅުކުރުމަށް އިހުތިޖާޖުކުރުމުގެ ގޮތުން ޖުޑީޝަރީގައި މަސައްްކަތްކުރާ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ވެސް ކަޅު ހެދުމުގަ އެވެ.
ނަމަވެސް ޕޭ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޝަރުއީ ދާއިރާގެ ވެސް ހުރިހާ އެންމެންގެ މުސާރަ ބޮޑުވާނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށް ވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެ އެވެ. މިހާތަނަށް އަސާސީ މުސާރައިގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެ އެވެ.