ރައުދާގެ ޕޯސްޓްމޯޓަމް ހަދާކަށް އާއިލާ އިން އިންކާރެއް ނުކުރޭ: ފުލުހުން
ރައުދާގެ ޕޯސްޓްމޯޓަމް ހަދާކަށް އާއިލާ އިން އިންކާރެއް ނުކުރޭ: ފުލުހުން

ބަންގްލާދޭޝްގައި މިދިޔަ ބުދަދުވަހު މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ އާއިލާ އިން ދެކޮޅު ހަދާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދިވެހި ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

އުމުރުން 20 އަހަރުގެ ރައުދާގެ ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން އެދިފައިވާ ކަމަށް އެ ގައުމުގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު އާމިރް ޒަފަރް ވިދާޅުވި ކަމަށް ބަންގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުގައި މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް ދިވެހި ފުލުހުން ބުނީ ރައުދާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާ އިން ދެކޮޅު ހަދާ ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރައުދާގެ އޮޓޮޕްސީ މިއަދު މެންދުރު ވަނީ ހަދައިފަ އެވެ. އަދި އިތުރު އޮޓޮޕްސީތައް ހެދުމަށްޓަަކައި ރައުދާގެ ހަށިގަނޑު މިއަދު ޑާކާ އަށް ގެންދާނެ ކަމަށް ވެ އެވެ.

ބަންގްލާދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން އައި ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާ އުޅޭ ހޮސްޓެލްގެ ކޮޓަރީގެ ސީލިންގް ފަންކާގައި "ދަންޖެހިފައި" ހުއްޓަ އެވެ. އެކަމަކު އޭނާ އަމިއްލަ އަށް މިފަދަ ކަމެއް ކޮށްފާނެ ކަމާ މެދު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފަ އެވެ.

ޑެއިލީ ސްޓާއިން ބުނި ގޮތުގައި ރާއްޖެއިން ބަންގްލާދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރާއި ރައުދާގެ މައިންބަފައިން ރައުދާގެ ކޮލެޖަށް ގޮސް ރައުދާގެ އެކުވެރިންނާއި ކޮލެޖްގެ ވެރިންނާއި ފުލުހުންނާ ވެސް ވަނީ ބައްދަލުކޮށް ވާހަކަ ދައްކައިފަ އެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި ރައުދާއާ އެކު އެންމެ ފަހުން ކިޔަވަން އިނީ ކަޝްމީރު އަންހެން ކުއްޖެއް ކަމަށްވާ ސިރާތު ޕަރްވީން އެވެ. އެ ދެ މީހުން އަންގާރަ ދުވަހުގެ ރޭ މެންދަމު 12:30 ގައި ވެސް އެކުގައި ކިޔަވަން ތިބި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ނޫހަށް ވާހަކަ ދައްކަން ސިރާތު އިންކާރުކުރި އެވެ.

އެ ނޫހަށް ވާހަކަ ދެއްކި ރައުދާގެ އެކުވެރިން ބުނެފައިވާ ގޮތުގައި ހުރިހާ ދަރިވަރުން ވެސް ތިބީ ވަރަށް ބޮޑު ޝޮކެއްގަ އެވެ. ރައުދާ އަކީ ވަރަށް އެކުވެރި، މީހުންނާ ގުޅޭ މީހެއްގެ ގޮތުގައި އެކުވެރިން ސިފަކޮށްފައިވެ އެވެ.

ރައުދާ މަރުވި އިރު އޭނާ ކިޔަވަމުން އައީ ބަނގްލަދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ އެންޑް ހޮސްޕިޓަލްގެ ދެ ވަނަ އަހަރުގަ އެވެ. އޭނާ އަކީ މެޑިސިން ފެކަލްޓީގެ 13 ވަނަ ބެޗްގެ ދަރިވަރެކެވެ.

ދިވެހި ފުލުހުން ބުނީ ރައުދާގެ މަރާ ގުޅުވައިގެން، ހަގީގަތެއް ނެތް ތަފާތު ވާހަކަތައް ދިވެހި މީޑިއާގައި ފަތުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ދިވެހި ފުލުހުން އެދެ އެވެ.