ހުޅަނގު އައްސޭރީގައި އިޒުރޭލުން ގެދޮރު އިމާރާތްކުރަން ފާސްކޮށްފި
ހުޅަނގު އައްސޭރީގައި އިޒުރޭލުން ގެދޮރު އިމާރާތްކުރަން ފާސްކޮށްފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން އާ ގެތައް ހެދުމުގެ މަޝްރޫއު އަށް ކެބިނެޓުން މިއަދު ހުއްދަ ދީފަ އެވެ. މިއީ މިދިއަ 20 އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވާން ހިންގާ ފުރަތަމަ މަޝްރޫއު އެވެ.

ހުޅަނގު އައްސޭރި ނުވަތަ ވެސްޓް ބޭންކްގައި ޔަހޫދީން ވަޒަންވެރިކުރުވަމީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ޚިލާފު އަމެކެވެ. އަދި 1967 ގައި އިޒުރޭލުން ހިފި ބިމަކަށް ވެފައި، އެތަނުގައި އިޒުރޭލުގެ ރައްޔިތުން އާބާދުކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު ދެކޮޅެވެ.

އެކަމަކު އިޒުރޭލާ ވަރަށް އެއްކޮޅު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމާ އެކު އިޒުރޭލުން ގަބޫލުކުރަނީ، ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އެޅި ހުރަސްތައް މިހާރު ނޯންނާނެ ކަމަށެވެ.

ހުޅަނގު އައްސޭރީގައި އާ މަޝްރޫއުއެއް ހިންގަނީ، އިޒުރޭލު ސަރުކާރުން ބުނާ ގޮތުގައި، އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން ބަދަލުކުރަން ޖެހުނު ޔަހޫދީ އާއިލާތަކަށެވެ. އެ މީހުންގެ ގެދޮރު ހުރި އަމޯނާ ސަރަހައްދުގައި އެގެތައް ހަދާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ބިމެއްގައި ކަމަށާއި އެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް، ސުޕްރީމް ކޯޓުން ނިންމުމުން އިޒުރޭލުން ވަނީ އެތަނުން މިދިއަ މަހު މީހުން ދުރަށް ގެންގޮސްފަ އެވެ.

އިޒުރޭލް ކެބިނެޓްގެ ފާސްކުރުމާ އެކު ފަލަސްތީނު ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނުގެ އިސް ވެރިއެއް ކަމަށްވާ ހަނާން އަޝްރާވީ ވިދާޅުވި ގޮތުގައި އިޒުރޭލް ސަރުކާރުގެ އަމަލުން އެނގެނީ ގަވާއިދާ ޚިލާފަށް އަތުލާފައިވާ ބިންތަކުގައި އުޅޭ ޔަހޫދީންގެ ހިތްހަމަޖައްސައިދޭން ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމެވެ.

"ހަމަޖެހުމާއި އިންސާފަށް ވުރެ އިޒުރޭލަށް މުހިންމު އެވަނީ އެ މީހުންގެ ހިތްހަމަޖައްސައިދިނުން،" ހަނާން ވިދާޅުވި އެވެ.

އިޒުރޭލްގެ މި އަމަލާ މެދު ޓްރަމްޕް ސަރުކާރުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

ހުޅަނގު އައްސޭރި އާއި ގުދުސްގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ފަލަސްތީނާއި އިޒުރޭލް މައްސަލަ އަށް ހައްލެއް ނައިސްގެން އުޅޭ އެއް ސަބަބެވެ. އެ ދެ ސަރަހައްދު 1967 ގައި އިޒުރޭލުން އަތުލި ފަހުން މިހާތަނަށް 600،000 ޔަހޫދީން އެކި ހިސާބުތަކުގައި ވަޒަންވެރިކުރުވާފައިވެ އެވެ. އަދި ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އަލަށް 6،000 ގެ ހަދަން އިޒުރޭލުން ވަނީ ނިންމައިފަ އެވެ.