މާދުރީގެ ދެވަނަ ވެބް ސީރީޒް އިއުލާންކޮށްފި
މާދުރީގެ ދެވަނަ ވެބް ސީރީޒް އިއުލާންކޮށްފި

ބޮލީވުޑްގެ ތަރި މާދުރީ ދިކްޝިތު ކުޅޭ ދެވަނަ ވެބް ސީރީޒް "މިސިޒް ދޭޝްޕާންޑޭ" އިއުލާންކޮށްފި އެވެ.

ޖިއޯ ހޮޓްސްޓާއިން ގެނެސްދޭ އެ ސީރީޒް އިއުލާންކުރީ ސޯޝަލް މީޑިއާގައި މެދުވެރިކޮށް މިދިޔަ ބުދަ ދުވަހު އެވެ. އެ ސީރީޒް އިއުލާންކޮށް، 20 ސިކުންތުގެ ކުރު ޓީޒާއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

އެ ސީރީޒް ޑައިރެކްޓުކުރަނީ "ދަނަކް" އާއި "ލަކްޝްމީ" ކަހަލަ ފިލްމުތައް ގެނެސްދިން ނަގޭޝް ކުކުނޫރެވެ.

ނަމަވެސް، އެ ސީރީޒްއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްކޮށްފައެއް ނުވެ އެވެ.

"މިސިޒް ދޭޝްޕާންޑޭ" ސްޓްރީމްކުރަން ފަށާ ތާރީޚު ވެސް އަދި އިއުލާނެއް ނުކުރެ އެވެ.

މާދުރީގެ ފުރަތަމަ ވެބް ސީރީޒަކީ 2022 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދަ ފޭމް ގޭމް" އެވެ. އޭނާ އެންމެފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ 3" އެވެ.

މާދުރީ ވަނީ ވޯލްޑް ޓުއާއަކަށް އެމެރިކާ އާއި ކެނެޑާއަށް މި މަހު ގޮސްފަ އެވެ. އެމެރިކާގެ ސިޓީތައް ކަމަށްވާ ނިއު ޔޯކާއި ނިއު ޖާޒީ އާއި ހިއުސްޓަން އަދި ބޮސްޓަން އަށް ގޮސް އޭނާގެ ފޭނުންނާ ބައްދަލުކުރި އެވެ.