21 ނޮވެމްބަރ 2025 - 10:00

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއްގައި ކުރާ ތުހުމަތުތަކަކާ ގުޅިގެން ބޮލީވުޑްގެ ސެލެބްރިޓީން ކަމަށްވާ ނޯރާ ފަތެހީ އާއި ޝްރައްދާ ކަޕޫރް އަދި އޯހާން އަވަތުރަމާނީ (އޮރީ) އާ މުމްބާއީގެ ފުލުހުން ސުވާލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނީ ބޮލީވުޑްގެ ތަރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ސޯޝަލް މީޑިއާ އިންފްލުއެންސާ އޮރީ މުމްބާއީ ފުލުހުންގެ އެންޓި ނާކޮޓިކްސް ސެލް (އޭއެންސީ) އަށް ބަޔާން ދޭން އިއްޔެ ހާޒިރުވާން އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ. އޭނާ އިތުރު ވަގުތު ދޭން އެދުމުން އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުވާން މިހާރު އަންގާފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.
އޮރީއާ ސުވާލުކުރަނީ މި މަހު ފަހެއްގައި ދުބާއީން ޑިޕޯޓްކޮށްލި ޑްރަގުގެ ބޮޑެއް ކަމަށްވާ މުހައްމަދު ސުހައިލް ޝެއިހްއާ ގުޅޭ ޑްރަގް ޓްރެފިކިންގެ މައްސަލައިގަ އެވެ. ޝެއިހްއަކީ އިންޑިއާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ދާވޫދް އިބްރާހިމް ގޭންގާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ބައެއް ނޫސްތަކުގައި ބުނީ ޝެއިހް ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާއަކީ ދުބާއީ އާއި މުމްބާއީގައި "ލެވިޝް" ޕާޓީތައް ބާއްވައިދޭ މީހެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެ ޕާޓީތަކަށް އިންޑިއާގެ މަޝްހޫރު މީހުން ކަމަށްވާ ނެށުންތެރިޔާ ނޯރާ ފަތެހީ، ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރް، އޮރީ، އެކްޓަރު ސިދާންތު ކަޕޫރް، ފިލްމު އުފެއްދުންތެރިން ކަމަށްވާ އައްބާސް-މުސްތާން، ރެޕާ ލޯކާ އަދި ކޮންގްރެސް ޕާޓީގެ ލީޑަރު ޒީޝާން ސިއްދިގީ ވެސް ދިޔަ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
މިއީ މުމްބާއީގެ ފުލުހުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ 126.14 ކިލޯގެ މެފެޑްރޯން އަތުލައިގަތް މައްސަލަ އެވެ. އެ ތަކެތީގެ އަގު 252 ކްރޯޑް ރުޕީސް (438 މިލިއަން ރުފިޔާ) އަށް އަރަ އެވެ. މި މައްސަލައިގައި ހިމެނޭ ބޮޑެއް ކަމަށްވާ ޝެއިހް ދުބާއީން އިންޑިއާއަށް ޑީޕޯޓްކޮށްލުމާ އެކު، މުމްބާއީގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ތުހުމަތުތައް ރައްދުވާ އެހެން މީހުން ވެސް ވަރަށް އަވަހަށް ފުލުހަށް ހާޒިރުކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.