21 ނޮވެމްބަރ 2025 - 08:48

މަނާ ބޭހަށް ޕޮޒިޓިވް ވުމުން ސަސްޕެންޑްކޮށްފައި ހުރި ޕޯލް ޕޮގްބާ ދެ އަހަރަށް ފަހު އަލުން ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ސެޕްޓެމްބަރު 2023 ގެ ފަހުން ޕޮގްބާ އެއްވެސް މެޗެއް ނުކުޅެ އެވެ. އޭރު ޔުވެންޓަސްގެ މިޑްފީލްޑަރު ސަސްޕެންޑް ކުރީ ހަތަރު އަހަރަށެވެ. ނަމަވެސް އޭނާ މައްސަލަ އިސްތިއުނާފު ކުރުމުން ދެ އަހަރަށް ސަސްޕެންޝަން ލުއިކޮށްދިނެވެ.
އޭނާ ބޭނުން ކުރީ ޑީހައިޑްރޯއެޕިއަންޑްރޯސްޓިރޯން ނަން ދީފައިވާ އެއްޗެކެވެ. ޕޮގްބާ ބުނެފައި ވަނީ އެއީ އޭނާ ގަސްތުގައި ބޭނުން ކުރި އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނީ އޭނާ ބޭސް ބޭނުން ކުރީ ކާއެއްޗިހިން ހަށިގަނޑަށް ލިބޭ މާއްދާތައް ފޯރުކޮށްދޭ ސަޕްލިމެންޓެއް ބޭނުންކުރުމުގެ ގޮތުން ކަމަށެވެ. އޭގައި މަނާބޭހުގެ މާއްދާއެއް ހުންނަކަން އެނގިފައި ނެތް ކަމަށް އޭނާ ބުނެފައި ވއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އުމުރުން 32 އަހަރުގެ ޕޮގްބާ ބަދަލުވީ މޮނާކޯ އަށެވެ. އެކަމަކު އެ ކްލަބަށް ސޮއި ކުރިނަމަވެސް އެއްވެސް މެޗެއް މިހާތަނަށް ނުކުޅެ އެވެ.
ޖުމަލަ 26 މަހަށް ފަހު ޕޮގްބާ މާދަމާ ކުޅޭ މެޗަކީ އޭނާގެ ކެރިއަރުގައި ވެސް ހާއްސަ މެޗެކެވެ. މޮނާކޯއިން ރެންއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ފްރާންސް ލީގުގައި އޭނާ ކުޅޭ ފުރަތަމަ މެޗަށެވެ. ފްރާންސްގެ ހާވްރާ ދޫކޮށް އޭނާ މެންޗެސްޓާ ޔުނައިޓެޑަށް 2011 ގައި ބަދަލުވި އިރު އުމުރަކީ 16 އަހަރެވެ.
މޯނާކޯގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ ކްލަބްގެ ކޯޗު ސެބޭސްޓިއަން ޕޮކޮނިއޮލީގެ ވިސްނުމަކީ މާދަމާގެ މެޗުގައި ފަހު ކޮޅުގައި ޕޮގްބާ އަށް ފުރުސަތު ދިނުމެވެ.
"އެގޮތަށް ފަހަރަކު މެޗަކުން މެޗަކުން ފަހު ވަގުތުކޮޅުގައި އެނާ އަށް ފުރުސަތު ދެމުން ދެން 90 މިނެޓްގައި ކުޅެވޭ ވަރަށް އޭނާ އަށް މެޗުގެ ފިޓްނަސް ހޯދައި ދިނުން. އަދި ދެން ކައިރިކައިރީގައި 90 މިނެޓަށް މެޗުތައް އޭނާ ލައްވައި ކުޅުވުން،" މޮނާކާގެ އޮފިޝަލަކާ ހަވާލާދީ އީއެސްޕީއެން އިން ބުންޏެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ސްކޮޑްގައި ހިމެނުމަކީ ޕޮގްބާގެ އުއްމީދެކެވެ.