21 ނޮވެމްބަރ 2025 - 08:31

ބައިނަލްއަގުވާމީގޮތުން އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހު ތިން އަހަރުގެ ބަބުލް އަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ.

ދުވަހުގެ ތަހުނިޔާ ފޮނުވައި، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޑޭވިޑް ބެކަމް، ވީޑިއޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ކުދިންނަށް ތައުލީމާއި ފުރުސަތުތައް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމަށެވެ.
އެ ފްލެޓްފޯމްތަކުގައި ރާއްޖޭގެ ބަބުލްގެ ވީޑިއޯ ހިއްސާ ކޮށްދޭން ވެސް ބޭނުންވީ އެ ކުއްޖާގެ ވާހަކައިން ލިބުނު ހިތްވަރުގައި ކަމަށް ބެކަމް ބުންޏެވެ.
"އޭނާގެ މެސެޖުން ހަނދާން ކޮށްދެނީ، ކިތަންމެ ކުޑަވިއަސް ކޮންމެ ކުއްޖަކީ ވެސް އަޑުއަހަން ޖެހޭ އަޑެއް ހުންނާނެކަން،"
ގާތްގަނޑަކަށް 90 މިލިއަން މީހުން ފޮލޯކުރާ ބެކަމްގެ އިންސްޓަގްރާމުގައި އާއްމުކުރި ވީޑިއޯގައި ބުނީ ކޮންމެ ކުއްޖަކަށް ވެސް ކިޔެވުމާއި ހުވަފެންތައް ދުށުމާއި ލޯބި ލިބުމާއި އަދި ރައްކާތެރިކަން ލިބުމުގެ ހައްގު ލިބޭ ކަމަށެވެ.
އެ އަށް ފަހު ދެން ދައްކަނީ، އަމީރު އަހުމަދު ޕްރީ-ސްކޫލުގައި ކިޔަވާ ބަބުލްގެ އެއް ދުވަހުގެ ހަރަކާތްތަކެވެ
އެ ވީޑިއޯ ފަށަނީ ސްކޫލަށް ދިއުމަށް ބަބުލް ތައްޔާރުވާ މަންޒަރުންނެވެ. އަދި ސްކޫލަށް ގޮސް ކުރާނެ ކަންތައްތައް ވެސް ކިޔައިދެ އެވެ.
"ސްކޫލަށް ގޮސްފައި ފަން ކޮށްލާފައި ލަވަ ކިޔާލާނީ. ޕްލޭގްރައުންޑަށް ގޮސްފައި ކުޅެލާނީ. ސްކޫލުގައި ދެން ވޯކްސް ހަދާފައި ފަން ކޮށްލާނީ،" ބަބުލް ކިޔައިދެ އެވެ.
ސްކޫލުން ގެއަށް ގޮސް ބަބުލް މޭވާ ކާ މަންޒަރާއި އަދި ބައެއް މޭވާގެ ނަންތައް ވެސް ކިޔައިދެ އެވެ.
މަންމަ އާއި ބައްޕައާ އެކު، ހަވީރު ބޭރަށް ދެވޭތީ އުފާވާ ކަމަށާއި އަދި އާޓިފިޝަލް ބީޗުގައި ސްކޭޓް ކުރަނިކޮށް ވެއްޓުމުން ތެދުވެ، ބަބުލް ބުނީ އޭނާއަކީ ބޮޑު އަދި ހިތްވަރު ގަދަ ކުއްޖެއް ކަމަށެވެ.
އެ ވީޑިއޯ ނިންމާލަނީ ބިންމަތިން ބަބުލް ޕްލާސްޓިކް ފުޅި ހޮވައި ޑަސްބިނަށް ލާ ހިސާބުންނެވެ.
ކުޑަކުދިންގެ ދުވަހާއި އެ ނޫން ވެސް މުހިންމު ދުވަސްތަކަށް ޔުނިސެފްގެ އޮފީސްތައް ހުންނަ ގައުމުތަކުގެ ކޮންޓެންޓް އެއްކޮށް، އެ ޖަމިއްޔާ އިން ބޭނުންކުރާ ގްލޯބަލް ކޮމިއުނިކޭޝަން ޕެކްގައި ހިމަނަންޖެހެ އެވެ. އޭގެ ސަބަބުން ޔުނިސެފްގެ ހުރިހާ އޮފީސްތަކާއި ގުޑްވިލް އެމްބެސެޑަރުންނަށް ބޭނުންކުރެވޭނެ އެވެ. ބަބުލްގެ ވީޑިއޯ ވެސް ބެކަމްގެ ސޯޝަލް މީޑިއާގައި ހިއްސާކުރެވުނީ އޭގެ ތެރެއިންނެވެ.