ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތް ފުޅާކުރާނަން: އުޝާމް
ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތް ފުޅާކުރާނަން: އުޝާމް

ބިދޭސީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތް ފުޅާކުރާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ 2022 ވަނަ އަހަރު ރާއްޖެ އިން ހުށަހެޅި 13-15 ވަނަ ޕީރިއޮޑިކް ރިޕޯޓު، ޖެނީވާގައި އޮތް އދ. ގެ ކޮމެޓީ އޮން ދި އެލިމިނޭޝަން އޮފް ނޭޝަނަލް ޑިސްކްރިމިނޭޝަން ކޮމިޓީ އަށް ރިވިއުކުރަން ރާއްޖޭގެ ސެޝަންތައް އިއްޔެ އާއި އޭގެ ކުރީ ދުވަހު ބާއްވާފައިވާ ކަމަށެވެ.

އެ ސެޝަން ފެށުމަށް، މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އެ މުއާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރު ކުރުމަކީ ރާއްޖޭގެ ގާނޫނީ ޒިންމާއަކަށް ވުމުގެ އިތުރުން ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ އަސާސްތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ރާއްޖެއަކީ އެއް ބަހަކުން ވާހަކަ ދައްކާ އަދި އެއް ދީނަކަށް ތަބާވާ ގައުމަކަށް ވާއިރު، އެ މުއާހަދާގެ އުސޫލުތައް ރާއްޖޭގެ މައްޗަށް ހިނގަނީ، ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން ކަމަށް ވާތީ އެކަންކަން ކަށަވަރު ކުރަން ހުރި ގޮންޖެހުންތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްގީއާ އެއްގޮތަށް ކުރިއަރުވައި، އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ.

ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ އދ. ގެ ޕީރިއަޑިކް ރިވިއު އަށް ރާއްޖެ އިން ހުށަހެޅި ރިޕޯޓުގައި ވަނީ ނަސްލީ ތަފާތު ކުރުންތައް ނައްތާލަން ކޮށްފައިވާ މަސައްކަތްތައް ހިމަނައިފަ އެވެ. އެ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދިނުމާއި ރާއްޖެ އިން ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

އެ ރިވިއު ސެޝަނަށް ފަހު ރާއްޖެ އިން ހުށަހެޅި ރިޕޯޓާއި ރިވިއު ސެޝަންގައި ރާއްޖެ އިން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އޮބްޒަވޭޝަންތަކާއި ރިކޮމެންޑޭޝަންތަކެއް ހިއްސާ ކުރާނެ އެވެ.

އދ. ގެ އެ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އިދާރާތަކުން ވަނީ ބައިވެރިވެފަ އެވެ.