މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި
މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް އަލީ އާޒިމްގެ ކެމްޕެއިން މިރޭ ފަށައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި
މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި

"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ގައުމީ މަޖިލީހަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އާއްމުން ބައިވެރިވި އެވެ.

އެ ޖަލްސާގައި އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ ސަރުކާރު ޒިންމާދާރު ކުރަން ކަމަށެވެ. އަދި އެމްޑީޕީގެ ތާއީދާއި އެއްބާރުލުމާއެކު ފަސޭހަ ކަމާއެކު އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ޕާޓީއަކީ ވަކި އަސާސްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޕާޓީއެއް ކަމަށާއި އަދި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތް ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ތިން ދައުރު ފުރުއްވި އާޒިމް ވިދާޅުވީ އާއްމުން އެމްޑީޕީއަށް ވަންނަން ބޭނުންވަނީ ވަކި އުސޫލުތަކާއި ހަމަތަކަށް ޕާޓީން އަމަލު ކުރާތީ ކަމަށެވެ. ނަމަވެސް، ވަކި ހިސާބަކުން އެ އުސޫލުތަކާއި ހަމަތައް ޕާޓީން ނެތެން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީއަށް ތާއީދުކުރާ މީހުން ޕާޓީން ދުރަށް ދިޔައީ ވެސް، އޭނާ ވިދާޅުވި ގޮތުގައި އެ އުސޫލުތަކާ ދުރަށް ދާން ފެށުމުން ކަމަށެވެ.

"މި ވާހަކަ އަޑުއަހާކަށް ވެސް ފަސޭހައެއް ނުވާނެ. މި ވާހަކަ ބުނާކަށް ވެސް ފަސޭހައެއް ނުވާނެ. އެހެން ނަމަވެސް މި ޕާޓީގެ ކުރިމަގަށްޓަކައި ކޮންމެވެސް މީހަކު މި ވާހަކަ ބުނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އާޒިމް ވެސް ވަނީ އެ ޕާޓީން ވަކިވެ، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މި އަހަރުގެ ކުރީކޮޅެވެ.

އޭނާ ވަނީ މިހާރުގެ މޭޔަރު އަދި ދެވަނަ ދައުރަކަށް އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އާދަމް އާޒިމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަލީ އާޒިމް ވިދާޅުވީ މާލެ މީހުންނަށް ހައްގު މިންވަރަކީ ކާނު ސާފު ކުރުމާއި ގަހެއް އިންދުމާއި މަހާނަގާތައް ނަގައި އެއްލާލުން ކަމަށް ބުނާތީ އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި އެއީ މާލެ މީހުންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި އެ މީހުންނަށް ހައްގު މިންވަރު އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދައިދޭން ޖެހޭ. ރީތިކޮށް ގޭގައި ތިބެގެން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ރީތިކޮށް ދަރިންނާއެކު އުޅެވޭނެ ރީތި މާހައުލެއް ގާއިމްކޮށްދޭން ޖެހޭ. އަޅުގަނޑުމެންގެ ދަރިންނަށް ހަމަ ޔަގީނުން ވެސް ރީތިކޮށް ތިބެގެން ކުޅެލާ މަޖާކޮށްލާ އުފާވެރި އާއިލާއެއް ހިތްހަމަޖެހޭ އާއިލާއެއް ބިނާކުރެވޭނެ ގޮތް ހަދައިދިނުމަކީ އެއީ މާލެ ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.