ރައުދު ކުށަށް އިއުތިރާފްވެއްޖެ
ރައުދު ކުށަށް އިއުތިރާފްވެއްޖެ

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އެއްބަސްވެއްޖެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ގ. އެރިއަދޫ، ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ އެ ދައުވާއަށް އެއްބަސްވެފަ އެވެ. އެހެންވެ، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ރައުދު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދަން ޕީޖީ އޮފީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ދައުލަތުން ވަނީ އޭނާއާ އެކު އެފަދަ އެއްބަސްވުމަކަށް ނުދާން ނިންމައިފަ އެވެ.

އެ ދައުވާއަށް ރައުދު އެއްބަސްވިއިރު، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި ކުށަށް އިއުތިރާފްވުމުން އެއަށް ވުރެ ވެސް އަދަބު ލުއިވާނެ އެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ މަހެއްހާ ދުވަހު ބަންދުގައި ހުރެފައިވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވަނީ ރައުދަށް އެ ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.

އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުުމުގެ ތުހުމަތުގަ އެވެ.

ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.

އެ ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދިޔަ އެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި، މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލި އެވެ.

ރިޔާސީ ކޮމިޝަނުން ނިންމީ ބަޔަކު ގަސްދުގައި ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ނަމަވެސް ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަވާ ކަމަށެވެ.