21 ނޮވެމްބަރ 2025 - 11:36

ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައި ދައުލަތަށް ލަފާދިން ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެކަން އޮތީ މީގެ ހަތަރު މަސް ކުރިން ފުރިހަމަ ކޮށްފައި ކަން ހާމަވެއްޖެ އެވެ.
ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ގަތުމަށް އެ ކުންފުނިން 2010 ވަނަ އަހަރު ސަރުކާރަށް ފައިސާ ދެއްކުމުން ބިން ހަވާލު ނުކޮށް އަދި ފައިސާ އަނބުރާ ހަވާލު ނުކުރި މައްސަލާގަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާއްސަ އޮޑިޓެއް ހަދައި އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނީ ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އިއްޔެ ލަފާ ދެއްވި އެވެ.
ނަމަވެސް، ހައި ކޯޓުގެ ރަޖިސްޓަރީ ދައްކާ ގޮތުން ސިވިލް ކޯޓުގެ ހުކުމް ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި މިދިޔަ ޖުލައި މަހު ވަނީ އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުގައި މިހާރު ވަނީ އެ މައްސަލަ ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.
ސަން ފްރޮންޓް މައްސަލާގައި، އެ ބިން ގަތުމަށް ދެއްކި 26.9 މިލިއަން ރުފިޔާ އަނބުރާ ދައްކަން 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށް އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް އޭރު އޮތީ ހުކުމްކޮށްފަ އެވެ.
އެ ހުކުމުގެ ދަށުން ބަދަލުގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން، އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރި މައްސަލާގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓުގައި ވަނީ ސަން ފްރޮންޓުން ދެއްކި ފައިސާ އަނބުރާ ލިބުން ލަސްވުމުން ބަދަލުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނެ ހަދާފައިވާ ހިސާބުތަކަކީ އަންދާޒާތަކެއް ކަމަށެވެ.
ސަން ފްރޮންޓަށް ލިބުނު ގެއްލުން ހިސާބު ކުރުން އެންމެ ރަނގަޅު މިންގަނޑަކީ އެ ކުންފުނީގެ މާލީ ހިސާބުތައް "އެކްޗުއަލް" އަދަދު ބޭނުން ކޮށްގެން ކުންފުނީގެ ނެޓް ޕްރޮފިޓް މާޖިން ހިސާބުކޮށް، ވިޔަފާރީގެ ފައިދާ ކަނޑައެޅުން ކަމަށް ރިޕޯޓުގައިވެ އެވެ.
އެ އުސޫލުން ހިސާބު ކުރާއިރު، ދައުލަތުން ބަދަލުގެ ގޮތުގައި ސަން ފްރޮންޓަށް ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒީ ސޮއި ކުރައްވައި، އިއްޔެ ނެރުއްވި ރިޕޯޓުގައި ވެ އެވެ. އަދި އެ މައްސަލާގައި ސަން ފްރޮންޓުން 20 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނު ނަމަވެސް، އެ އަދަދު ރަނގަޅު ނޫން ކަމަށް ދައުލަތުން ސިވިލް ކޯޓުގައި ފާހަގަ ކުރުމުން، ދައުލަތުން ފާހަގަކުރި ގޮތަށް 10.7 މިލިއަން ރުފިޔާ އަށް ބަދަލުގެ މިންވަރު ކުޑަކުރަން އެ ކުންފުނިން ކޯޓުގައި އެއްބަސްވި ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.