20 ނޮވެމްބަރ 2025 - 20:27

ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ހައި ކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ މައްސަލަ އެއްފަހަރާ ބަލަމުން ދާއިރު، އޭގެ ތެރޭގައި ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ކަމަށްވާ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލަ ވެސް ހިމެނެ އެވެ.
ފަނޑިޔާރު ނިޔާޒުގެ ފަސް މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާވުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އޭނާއަށް ރިޓަޔާމެންޓްގެ ފުރުސަތު ދެއްވުމަށް ޖޭއެސްސީން މިހާރު ވަނީ ނިންމައިފަ އެވެ.
ފަނޑިޔާރުގެ ނިޔާޒުގެ އިތުރުން ޖޭއެސްސީން ދަނީ ފަނޑިޔާރު މުހައްމަދު ފައިސަލްގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަން ކުރަން ޖޭއެސްސީން ކުރިން ނިންމި ނަމަވެސް އޭނާއާ އެ މަގާމު ރަސްމީކޮށް ހަވާލެއް ނުކުރެ އެވެ.
ނަމަވެސް ދާދިފަހުން އޭނާ ވަނީ ހައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެނގިފައިވާ ގޮތުގައި ފަނޑިޔާރު ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އެވެ.
ޖޭއެސްސީން ދެން ބަލަމުންދަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ. އެ ތިން ފަނޑިޔާރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ތެރޭގައި ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން ދާއިރު، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.