20 ނޮވެމްބަރ 2025 - 20:18

މުލިއާގޭގެ ގަރާޖެއްގެ ގޮތުގައި ބޭނުންކުރި ތަން ޒުވާނުންގެ ހަބަކަށް ބަދަލުކޮށް، މިއަދު ހުޅުވައިފި އެވެ.

ލިލީމަގުގައި މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަން "ޒުވާނުންގެ ވެހީ"ގެ ގޮތުގައި ތަރައްގީކޮށް ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އާޓިސްޓުން މަސައްކަތް ކުރުމަށާއި ޖަމިއްޔާތަކާއި ޒުވާނުންނަށް ބައްދަލުވުންތަކާއި ވޯކްޝޮޕް އަދި ޓްރެއިނިންތައް އެތަނުގައި ބޭއްވޭނެ ކަމަށެވެ.
މީގެ އިތުރުން މިއުޒިކް ރިކޯޑުކުރަން ހާއްސަ ސަރަހައްދަކާއި ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް "ހެޕިނަސް ލައުންޖު"ގެ ނަމުގައި ވަކި ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ. އަދި ކިޔަވާ ދަރިވަރުންގެ ސްޓޫޑެންޓް ކާޑު ދެއްކުމަށްފަހު ސްޓަޑީ ރޫމްތައް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޒުވާނުން ގުޅުންހުރި އިތުރު ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަން، ޒުވާނުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ހުޅުވީ އޮގަސްޓް 23، 1980 ވަނަ އަހަރެވެ. ނަމަވެސް، އޭގެ 11 އަހަރު ފަހުން އެތަން ވެސް ވަނީ މުލިއާގޭގެ ގަރާޖަކަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ޒުވާނުންގެ ހަރަކާތްތަކަށް އެތަން އަނެއްކާވެސް ބޭނުންކުރަން ނިންމީ ނޮވެމްބަރު، 2024 ގަ އެވެ.