20 ނޮވެމްބަރ 2025 - 18:31

ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް، ހިސާބުތަކަށް ބަލާއިރު އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ގަތުމަށް އެ ކުންފުނިން 2010 ވަނަ އަހަރު ސަރުކާރަށް ފައިސާ ދެއްކުމުން ބިން ހަވާލު ނުކޮށް އަދި ފައިސާ އަނބުރާ ހަވާލު ނުކުރި މައްސަލާގަ އެވެ. އެ މައްސަލާގައި، އެ ބިން ގަތުމަށް ދެއްކި 26.9 މިލިއަން ރުފިޔާ އަނބުރާ އެ ދައްކަން 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށް، އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް އޭރު އޮތީ ހުކުމްކޮށްފަ އެވެ.
އެ ހުކުމުގެ ދަށުން ބަދަލުގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރި މައްސަލާގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ރިޕޯޓުގައިވަނީ ސަން ފްރޮންޓުން ދެއްކި ފައިސާ އަނބުރާ ލިބުން ލަސްވުމުން ބަދަލުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނެ ހަދާފައިވާ ހިސާބުތަކަކީ އަންދާޒާތަކެއް ކަމަށެވެ. އަދި އެ ކުންފުންޏަށް ލިބުނު ގެއްލުން ހިސާބު ކުރުން އެންމެ ރަނގަޅު މިންގަނޑަކީ އެ ކުންފުނީގެ މާލީ ހިސާބުތައް "އެކްޗުއަލް" އަދަދު ބޭނުން ކޮށްގެން އެ ކުންފުނީގެ ނެޓް ޕްރޮފިޓް މާޖިން ހިސާބުކޮށް، ވިޔަފާރީގެ ފައިދާ ކަނޑައެޅުން ކަމަށް ރިޕޯޓުގައިވެ އެވެ.
އެ އުސޫލުން ހިސާބު ކުރާއިރު، ދައުލަތުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއި ކުރައްވައި، ނެރުއްވާފައިވާ އެ ރިޕޯޓުގައިވެ އެވެ. އަދި އެ މައްސަލާގައި ސަން ފްރޮންޓުން 20 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނު ނަމަވެސް، އެ އަދަދު ރަނގަޅު ނޫން ކަމަށް ދައުލަތުން ސިވިލް ކޯޓުގައި ފާހަގަ ކުރުމުން، ދައުލަތުން ފާހަގަކުރި ގޮތަށް 10.7 މިލިއަން ރުފިޔާއަށް ބަދަލުގެ މިންވަރު ކުޑަކުރަން އެ ކުންފުނިން ކޯޓުގައި އެއްބަސްވި ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެހެންވެ، އެ މައްސަލާގައި ދައުލަތުން ސަން ފްރަންޓް ކުންފުންޏަށް ދޭންޖެހޭ ބަދަލުގެ މިންވަރު ކުޑަ ކުރުމަށްޓަކައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ނިޔާޒީ ލަފާ ދެއްވާފައިވެ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން އޮޑިޓާ ޖެނެރަލް ލަފާ ދެއްވިއިރު، އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން މިހާރު ހައި ކޯޓަށް ހުށަހަޅާފައިވާ ކަން ވަނީ އެނގިފަ އެވެ. އަދި އެ މައްސަލާގައި ނަގައިދިން ބަދަލުގެ ފައިސާ މިހާތަނަށް ދުލެއް ނުކުރެ އެވެ.