ކަނޑުފެތުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް "އޯޝަންމޭން" ރާއްޖެ އަށް
ކަނޑުފެތުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް "އޯޝަންމޭން" ރާއްޖެ އަށް

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް މުބާރާތް ކަމަށްވާ އޯޝަންމޭން ގްލޯބަލްގެ އިވެންޓެއް ރާއްޖޭގައި ބާއްވަން ސްވިމް މޯލްޑިވްސް އިން ތައްޔާރުވާން ފަށައިފި އެވެ.

ކަނޑުފެތުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް "އޯޝަންމޭން" ރާއްޖެ އަށް
ކަނޑުފެތުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް "އޯޝަންމޭން" ރާއްޖެ އަށް

އަންނަ އަހަރުގެ އޭޕްރިލް މަހު ކ. މާފުށީގައި ބާއްވާ މި ރޭސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މުބާރާތަށެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޫބަރު މަހު ހުޅުވާލުމުން މިހާތަނަށް ގިނަ އަދަދަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފަ އެވެ.

ސްވިމް މޯލްޑިވްސް އިން ބުނީ އޯޝަންމޭން ގްލޯބަލްގެ ފްރެންޗައިސް ރައިޓްސްއާ އެކު ބާއްވާ މި މުބާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ބައިނަލްއަގްވާމީ ސްޓެންޑަޑަށް ކަމަށެވެ. އަދި އިންތިޒާމުތަކާއި، ފޯމެޓް ވެސް އޮންނާނީ ބައިނަލްއަގްވާމީ މިންގަނޑުގައި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މި މުބާރާތުގައި އޮންނާނީ 10 ކިލޯމީޓަރު ފެތުން، ފަސް ކިލޯމީޓަރު ފެތުން، ދެ ކިލޯމީޓަރު ސްޕްރިންޓް، އޯޝަންފިންސް 2 ކިލޯމީޓަރު، އޯޝަން ކިޑްސް، އަދި އޯޝަން ޓީމްސް އެވެ.

ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ފެތުންތެރިންނަށް އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އެއީ ހަމައެކަނި ކޮލިފައިވެގެން ބައިވެރިވެވޭ ގޮތަށް އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތެކެވެ. އަދި މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިންނާއި، ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިންނަށް މެޑެއްޔާއި، ޓްރޮފީ ވެސް ދޭނެ އެވެ. ލިބޭނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނި ކަމަށްވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެންޑޯޒްކޮށްފައިވާ މި މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑިންއާ އެކު އެވެ.

މީގެ 10 އަހަރު ކުރިން ތައާރަފުކުރި އޯޝަންމޭން ގްލޯބަލް އަކީ ދުނިޔޭގައި ފްރެންޗައިސް އުސޫލުން ކުރިއަށްގެންދާ ފުރަތަމަ އޯޕަންވޯޓާ ފެތުމުގެ މުބާރާތެވެ. މީގެ ފްރެންޗައިސް އިވެންޓްތައް ކޮންމެ އަހަރަކު ތަފާތު 26 ގައުމެއްގައި ބާއްވަ އެވެ. އެގޮތުން ބާއްވާ 38 ރޭހުގެ ތެރެއިން ކޮންމެ ރޭހެއްގައި 1500-2000 އަދަދަށް ފެތުންތެރިން ބައިވެރިވި އެވެ.

އޯޝަންމޭން ގްލޯބަލް އިން ބުނި ގޮތުގައި ރާއްޖެ ފަދަ ކުޅިވަރުގެ ރޫހު ވަރުގަދަ ގައުމެއްގައި މުބާރާތް ބޭއްވުމަކީ އުފަލެއް ކަމަށާއި، އަދި ރާއްޖެ އަކީ މި އިވެންޓުގެ ބައިވެރިންނަށް ފަތާލަން ވަރަށް ރަނގަޅު މާހައުލެއް އޮންނާނެ ގައުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މުބާރާތް ރާއްޖޭގައި އިންތިޒާމުކުރާ ސްވިމް މޯލްޑިވްސް އަކީ ރާއްޖޭގައި ފެތުން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެގޮތުން ވާދަވެރި ފެތުންތެރިންނާއި، ރިކްރިއޭޝަނަލް ފެތުންތެރިންނަށް ހާއްސަކޮށްގެން އެ ޖަމިއްޔާ އިން ހަރަކާތްތައް ބާއްވަ އެވެ.

އޯޝަންކިޑްސް: 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް

ޖޫނިއާ: 15 އަހަރާއި 19 އަހަރާ ދެމެދު

މާސްޓާސް: 20-29 އާ ދެމެދު

މާސްޓާސް 30-30 އާ ދެމެދު

މާސްޓާށް: 40-49 އާ ދެމެދު

މާސްޓަސް 50-59 އާ ދެމެދު

މާސްޓާސް: 60-69 އާ ދެމެދު

މާސްޓަސް 70 އަހަރުން މަތި