20 ނޮވެމްބަރ 2025 - 15:19

އިސްލާމިކް މިނިސްޓްރީން މާލޭގައި ހަދާ ވަގުފް އިމާރާތް "ދާރުލްއަަރުގަމް"ގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
އާރުސީސީއާ މިދިޔަ މަހު ހަވާލުކުރި "ދާރުލްއަަރުގަމް"ގެ އިމާރާތް އަޅަނީ އައިލެންޑާސް ޕްރީ ސްކޫލާ ޖެހިގެން ބުރުޒުމަގަށް ވާ ގޮތަށް އޮންނަ ހުސް ބިމުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި 12 ފުލޯއަށް އިމާރާތްކުރާ އެ ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ތަނެއް ކަމަށެވެ. އެގޮތުން އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ވެހިކަޕް ޕާކު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށާއި އަދި ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ އިމާރާތުގެ ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލަކާއި އެއް ވަނަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯއަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރި ހުންނައިރު، އެ އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ހަދާ ބައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގައި ލިފްޓު ހަރުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ދޮޅު އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ އެ މަޝްރޫއު ހަވާލުކުރީ 39.4 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުއަށް ފަންޑުކުރަނީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންގެ ދަށުންނެވެ.
މިނިސްޓްރީން ބުނީ އެ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 80 ޕަސެންޓް ޖަމާކުރާނީ ވަގުފް ފަންޑަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑް އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މަޝްރޫއު އެކެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަގުފް އިމާރާތަކާއި މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލޭގައި ހަދާ ވަގުފް އިމާރާތުގެ މަސައްކަތް ވެސް އާރުސީސީއާ މި މަހު ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ކުރިން އޮތީ ނިންމައިފަ އެވެ.