ދޮޅުލައްކަ އާބާދީގެ ކުޑަކުޑަ ގައުމުގެ ވޯލްޑް ކަޕް ދަތުރުގައި ދެބަފައިން!
ދޮޅުލައްކަ އާބާދީގެ ކުޑަކުޑަ ގައުމުގެ ވޯލްޑް ކަޕް ދަތުރުގައި ދެބަފައިން!

ޑިކް އެޑްވޮކާޓް ކިޔުރެސާއޯ ކޯޗު ކަމާ ހަވާލުވާން އެއްބަސްވެ، މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހުނެވެ. ކެރީބިއަން ކަނޑުގެ ކުޑަކުޑަ ގައުމުގެ ފުޓްބޯޅަ އިދާރާގައި އޮތް މާލީ މައްސަލަތަކާ ހެދި އެޑްވޮކާޓްގެ އިންތިޒާރު ދިގުލައިގެން ދިޔަ އެވެ. މާލީ މައްސަލަތަކާ ހުރެ ހައްލުނުވެ އޮތީ އޭނާގެ މުސާރަ އެކަންޏެއް ނޫނެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ވެސް ހުރި އާދާނުކޮށެވެ. މައްސަލަތަކަށް ހައްލެއް ހޯދައި ކުޅުންތެރިންގެ މުސާރަ ވެސް އަދާކޮށް، އެޑްވޮކާޓް އަށް މަސައްކަތް ކުރާނެ ފުރުސަތު ޖާގަ ޖެނުއަރީ 2024 ގައި ހަމަޖެހިގެން ދިޔަ އެވެ.

ދޮޅުލައްކަ އާބާދީގެ ކުޑަކުޑަ ގައުމުގެ ވޯލްޑް ކަޕް ދަތުރުގައި ދެބަފައިން!
ދޮޅުލައްކަ އާބާދީގެ ކުޑަކުޑަ ގައުމުގެ ވޯލްޑް ކަޕް ދަތުރުގައި ދެބަފައިން!

އެކަމަކު އޭގެ ކުރިން އުނދަގޫ ހާލަތުގައި ގޮންޖެހުންތަކާ އެކު ވެސް ކިޔުރެސޯއޯގެ ޓީމު ލީޑް ކުރީ އޭނާގެ އާއިލާ އެ ގައުމުގައި އޮތް ޑީން ގޯރޭ އެވެ. އަޔެކްސް އާއި ހާޑަސްފީލްޑް ޓައުންގެ ކުރީގެ މިޑްފީލްޑަރު ކިޔުރެސޯއޯގައި މަސައްކަތް ކުރީ އޭނާގެ އާއިލާ އަށް ޓަކަ އެވެ. އޭނާގެ އަސްލު ވަޒަނަކީ ކެރީބިއަން ކަނޑުގެ ކުޑަކުޑަ އެހެން ގައުމެއްކަމަށްވާ ސުރިނާމެވެ.

ވޯލްޑް ކަޕަށް ކިޔުރެސޯއޯ ކޮލިފައި ކޮށްދިން ޓީމުގެ މިޑްފީލްޑަރު ކިންޖީ ގޯރޭއަކީ އޭނާގެ ދަރިފުޅެވެ.

ދޮޅު ލައްކަ މީހުންގެ އާބާދީ އެއް އޮތް ކުޑަ ގައުމުން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ފެށި ދަތުރު އެޑްވޮކާޓާ ހަވާލުކުރުމުން ވެސް ޑީން ގޯރޭ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވި އެވެ.

އޭނާގެ ޒަމާންވީ އެސިސްޓެންޓް ކޯޗު ކޯ ޕޮޓް އާ އެކު ދެވަނަ އެސިސްޓެންޓެއްގެ ގޮތުގައި ޑީން ގޯރޭ އަށް އެޑްވޮކާޓް ފުރުސަތު ދިނިވެ. ކިޔުރެސޯއޯގެ ފުޓްބޯޅަ އެނގޭނެ އެކަކަށް އޭނާ ވާނެތީ އެވެ.

އަނެއްކޮޅުން ޓީމުގެ މިޑްފީލްޑަރަކަށް ވެސް އޭނާގެ ދަރިފުޅު ހުންނާނެކަން ވެސް އެޑްވޮކާޓަށް އެނގެ އެވެ.

ކޮލިފައިންގެ ޖާގަ ކަށަވަރު ކުރަން ޖަމައިކާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޑްވޮކާޓަށް ބެންޗުގައި ނުހުރެވުނެވެ. މެޗު ކުޅެން ޓީމު ޖަމައިކާ އަށް ދިޔަ ފަހުން އެޑްވޮކާޓްގް އާއިލީ ކަމެއްގައި ކުއްލިއަކަށް ކޭމްޕް ދޫކޮށް ނެދަލެންޑްސް އަށް ފުރި އެވެ. މެޗުގައި ޓީމު ލީޑް ކުރީ ގޯރޭ އާއި ކޯ ޕޮޓް އެވެ.

"ބައްޕަ ކޯޗެއްގެ ގޮތުގައި ހުރެގެން ޓީމު ލީޑްކޮށް ވޯލްޑް ކަޕަށް ދިއުން ތަޖުރިބާ ކުރުމަކީ ހަމައެކަނި ހުވަފެނުން ފެންނަ ކަހަލަ ކަންކަން. މިއީ އަހަރެން ކުޑައިރު ހުވަފެނުގައި ދެކެމުން އައި ކަންތައްތަކެއް،" ކިންޖީ ގޯރޭ ބުންޏެވެ.

އޭނާ ބުނީ ކުޑަކުޑަ ގައުމަކުން ވޯލްޑް ކަޕަށް ދިއުމަކީ އާދަޔާހިލާފު އަދި ނުކުރެވޭނެ ކަމެއްކަމަށް ކުރިން ހީވެފައިވާ ކަންތައްތަކެއް ކަމަށެވެ.

"ނުކުރެވޭނެ ކަމަށް ކުރިން ހީކޮށްގެންތިބި ކަންކަން މި ކުރީ. މިހާ ކުޑަ ޖަޒީރާއަކަށް، މިހާ ކުޑަ 150،000 މީހުންގެ އާބާދީއަކަށް ދުވަހަކު ވެސް ނުކުރެވޭނެ ކަމަށް ބަލައިގެންތިބި ކަމެއް. އަދި ފުޓްބޯޅައިގެ އެންމެ ބޮޑު ސްޓޭޖަށްށް ދިއުމަކީ ގަބޫލުކުރަން ދަތި ކަމެއް،" ކީންޖީ ބުންޏެވެ.

ކިޔުރެސާއޯ ވެގެންދާނީ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ކުޑަ ގައުމަށެވެ. މިދިޔަ މަހު ކޭޕް ވާޑޭއިން ވޯލްޑް ކަޕްގެ ޖާގަ ހޯދުމުން އެ ޓީމު ވެފައި ވަނީ އައިސްލެންޑަށް ފަހު ވޯލްޑް ކަޕުން ޖާގަ ހޯދި އެންމެ ކުޑަ ގައުމަށެވެ. އެކަމަކު އަންގާރަ ދުވަހު ކިޔުރެސާއޯއިން އެ ޖާގަ ކަށަވަރުކުރުމުން އެ ޓީމު ވަނީ ވޯލްޑް ކަޕްގައި ވާދަކުރާނެ އެންމެ ކުޑަ ގައުމުގެ ޝަރަފު ހޯދައިފަ އެވެ. ބިމުގެ ސަރަހައްދުގައި ކޭޕް ވާޑޭ އަށް ވުރެ 10 ގުނަ ކިޔުރެސާއޯ ކުޑަ އެވެ.