20 ނޮވެމްބަރ 2025 - 14:12

ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ހަމަޖައްސައިދީފި އެވެ.

ގިނަ ބަޔަކަށް ވަޒީފާ ހަމަޖައްސައިދިނީ، އެމްޕީއެލްގެ "ފަހި ޕްރޮގުރާމް - އެކުއެކީ، ގުޅިގެން"ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ފެށި ހާއްސަ ޕްރޮގްރާމްގެ ދަށުންނެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 40 މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމުގެ ލިއުން ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

އެމްޕީއެލް އިން ބުނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދިން ނަމަވެސް އެ މީހުންގެ ގާބިލިއްޔަތުކަން ހުރި ދާއިރާތައް ދެނެގަތުމަށް ފަހު، އެ ދާއިރާތަކުން ކުރިއަށް އޮތް ތަނުގައި ދާއިމީ އޮނިގަނޑުގެ ތެރެއިން ވަޒީފާ ދޭން ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި އެމްޕީއެލްއިން ހދ. ކުޅުދުއްފުށި ޕޯޓުން ވަޒީފާ ދިން ދެ މީހަކާއި ސ. ހިތަދޫ ޕޯޓުން ވަޒީފާ ދިން ތިން މީހަކާއި މާލެއިން 35 މީހަކު ހިމެނެ އެވެ.
އެމްޕީއެލްއިން ވަޒީފާ ހަމަޖައްސައިދިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ލެވެލް ތިނެއްގެ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާރު ވެސް އެ ކުންފުނީގެ ދާއިމީ ވަޒީފާގައި ތިބި ނުކުޅެދުންތެރިކަން ހުރި 32 މީހަކަށް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުން ކުރެވޭނެ އެކްސެސިބިލިޓީ ފީޗާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ފީޗާ ތައާރަފްކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
މިއީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓު ބޭނުން ކުރެވޭނެ މަގުފަހިކޮށްދިނުމަށް ތައާރަފްކުރި ފީޗާއެކެވެ. މި ފީޗާ ޓެސްޓުކޮށްފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އެއްބާރުލުމާ އެކު އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ އެންމެންގެ ޝާމިލުވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމުގައި އެ ކުންފުންޏަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށެވެ.