20 ނޮވެމްބަރ 2025 - 14:23

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިއުމަކީ ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށް ދިނުމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް - އެކުއެކީ، ގުޅިގެން" ދަށުން ވަޒީފާ ލިބުނު މީހުންނާ ލިޔުން ހަވާލުކުރަން އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ އެފަދަ މީހުންނަށް ދައުލަތުން ވަޒީފާގެ ފުރުސަތު ދިނުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ ވަރަށް މަތިވެރި ނިންމުމެއް ކަމަށެވެ.

އަދި އެއީ އެތައް ބައެއްގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދިން ފަރުވާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޅި މުޖުތަމައުއިން ގަދަރެއް ނުދޭ. ހިތްވަރާއި އެހީތެރިކަން ފޯރުވައެއް ނުދޭ. މިކަން ބަދަލު ކުރެވޭނީ އެ ފަރާތްތަކާ މެދު ދެކޭ ގޮތް ބަދަލުކޮށްގެން،" އެކަމަނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވަނީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމް ކުރާ ބަޔަކަށް ވުމަށް ގޮވާލައްވައިފަ އެވެ. އަދި އިންސާނިއްޔަތުގެ ސިފަ މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ގައުމެއްގެ ހެއްކެއް ކަމަށާއި އެ އަމާޒަށް ވާސިލްވާން ހެޔޮ ވިސްނުމަކުން ވިސްނުން މުހިންމު ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެމްޕީއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ކޮންޓްރެކްޓް އުސޫލުން ވަޒީފާ ވަނީ ދީފަ އެވެ. އެ މީހުންނަށް މުސްތަގުބަލުގައި ގާބިލްކަން ހުރި ދާއިރާތަކުން ދާއިމީ އޮނިގަނޑުގެ ތެރެއިން ވަޒީފާ ދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން މިހާރު ވަނީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުން ކުރެވޭނެ އެކްސެސިބިލިޓީއެއް ފީޗާއެއް ވެސް ތައާރަފްކޮށްފަ އެވެ.