20 ނޮވެމްބަރ 2025 - 11:52

ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ އެ ހުށަހެޅުމަށް ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ނިންމާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް، ފަނޑިޔާރު އެގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ގިނަ ދުވަހު ހިދުމަތް ކުރެވިފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.
ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އެބަދެ އެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވީ، އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.
ފަނޑިޔާރު ނިޔާޒު، ފަނޑިޔާރު ކަމުން ރިޓަޔާކުރައްވަން ނިންމާފައިމިވަނީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެހެންކަމުން އޭނާއަކީ މިވަގުތު އެ ކޯޓުގައި ހުންނެވި، ހިދުމަތުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރެވެ.
ފަނޑިޔާރު ނިޔާޒު ވަނީ ހައި ކޯޓުގައި ގިނަ ޝަރީއަތްތަކެއް ހިންގަވައި، ބޮޑެތި ހުކުމްތައް ނެރުއްވައިފަ އެވެ. ފަނޑިޔާރު ފާހަގަކުރެވިފައިވަނީ ވަކީލުންނާ ހޫނު ސުވާލުތައް ކުރައްވާ ފަނޑިޔާރެއްގެ ގޮތުގަ އެވެ.