20 ނޮވެމްބަރ 2025 - 11:51

ގޫގުލް އިން ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތަށް އައްޑޫ ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި އެ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ އެއީ ހިތަދޫގެ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއް ކަަމަށެވެ. އެ ބިމުގެ ރަޖިސްޓްރީ އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށް ދޭން ކައުންސިލްގައި މިހާރު އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން އެ ބިން ބޭނުންކުރަނީ ކޮން ބޭނުމަކަށް ކަން ރަސްމީކޮށް ކައުންސިލަށް މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ސަރުކާރުން އެ ބިން ބޭނުންކުރަން މިހާރު ނިންމާފައި ވަނީ ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތަށް ކަން އެނގިފައިވާ ކަމަށް ޝިނާޒު ވިދާޅުވި އެވެ.
ޝިނާޒު ވަނީ އައްޑޫގެ ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް އެ ބިން ދޫކޮށްލަން ބޭނުން ނުވާތީ، ގޫގުލް ޕްރޮޖެކްޓަށް ދޭ އެ ބިމުން ލިބޭ އާމްދަނީ ސަރުކާރުން ކައުންސިލަށް ދޭ ގޮތަށް ކޮމިޓީގެ އެހެން މެމްބަރުންނާ އެކު މަޝްވަރާކޮށް، ކޮމިޓީގެ އިއްތިފާގުން އެގޮތަށް ފާސް ވެސް ކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވި ގޮތުގައި، ގޫގުލް އަށް ދޫކުރާ 15،000 އަކަފޫޓުގެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެކެވެ. އެހާ ބޮޑު އާމްދަނީއެއް ލިބޭނެ ބިމެއް އައްޑޫގެ ތަރައްގީއަށް ފައިދާ ނުވާނެ ގޮތަށް ދޫކޮށްލަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކާ އެކު، ކައުންސިލްގެ އެހެން މެމްބަރުންގެ މަޝްވަރާއަށް ފަހު އިއްޔެގެ ޖަލްސާގައި ފާސްކުރީ ގޫގުލްއަށް ދޫކުރާ އެ ބޮޑު ބިމުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭ ގޮތަށް ބިން ދޫކުރަން ފެންނަ ކަމަށެވެ.
އައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ނިންމައި ގޫގުލް އިން އެކަން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ގޫގުލްގެ ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް މި އަހަރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ.