އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑުގައި އެމްއައިބީއަށް ދެ އެވޯޑު
އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑުގައި އެމްއައިބީއަށް ދެ އެވޯޑު

މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ) އަށް މިއަހަރުގެ 11 ވަނަ އިސްލާމިކް ރީޓެއިލް ބެންކިން އެވޯޑު (އައިއާރުބީއޭ) ގައި ދެ އެވޯޑު ލިބިއްޖެ އެވެ.

އެ އެވޯޑު ހަފްލާގައި އެމްއައިބީން ބޭންކިންގެ ދާއިރާއިން ފޯރުކޮށްދޭ އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ފާހަގަކޮށް ބެސްޓް ޑިޖިޓަލް ބެންކިން އިނިޝިއޭޓިވް އެވޯޑު ވަނީ ދީފަ އެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް އޮންލައިން ހިދުމަތްތައް މެދުވެރިކޮށް އެ ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި އިންވެސްޓުމަންޓުތައް ފާހަގަކޮށް ލިބުނު އެވޯޑެއް ކަމަށް އެމްއައިބީން ބުންޏެވެ. އަދި މިއީ މޮބައިލް ބޭންކިން އާއި އޮންލައިން ހިދުމަތްތަކާ އެކު ކަސްޓަމަރުންގެ ބޭނުންތަަކަށް ހިދުމަތްތައް ފަރުމާކޮށް، އެ ބޭންކުން ގެނެސްފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ފާހަގަކޮށް ލިބުނު އެވޯޑެއް ކަމަށް އެމްއައިބީން ބުންޏެވެ.

އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑުގައި އެމްއައިބީއަށް ވަނީ ބެސްޓް އިސްލާމިކް ރީޓެއިލް ބޭންކް އިން މޯލްޑިވްސްގެ އެވޯޑު ވެސް ލިބިފަ އެވެ. މިއީ އެ ބޭންކުން ޝަރީއާ ކޮމްޕްލައިންޓް ބޭންކިން ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.

އެމްއައިބީން ބުނީ އެ އެވޯޑު ހަފްލާގައި ލިބުނު ކާމިޔާބީތަކަކީ އެ ބޭންކުން އެންމެ ފުރިހަމަ ހިދުމަތްތައް އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ. އަދި އެ ބޭންކުންގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ބެންކުގެ ކަސްޓަމަރުންނާއި މުވައްޒަފުން ހިމެނޭ ކަމަށް ބުންޏެވެ.

އައިއާރުބީއޭ އެވޯޑްސް އަކީ ކެމްބްރިޖް އައިއެފްއޭއިން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށް ބާއްވާ އެވޯޑެކެވެ. މިއީ ދުނިޔޭގެ އިސްލާމިކް ފައިނޭންސިން އިންޑްސްޓްރީގެ އެކި ފަރާތްތައް ބައިވެރިވާ ހަފްލާއެކެވެ.