ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި
ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި

ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ސައިޓުގައި ކުރަން ހުރި އެކި މަސައްކަތްތަކަށް ދިވެހިން ހޯދަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ 13 މަގާމަކަށް 20 މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެއީ، ޕްރޮޖެކްޓް މެނޭޖަރަކާއި ކޮންސްޓްރަކްޝަން މެނޭޖަރަކާއި ޕްލޭނިން އިންޖީނިއަރަކާއި ކުއެންޓިޓީ ސާވޭޔާ އާއި ހަތަރު ސައިޓް އިންޖީނިއަރުންނާއި އެޗްއެސްސީ އިންޖީނިއަރަކާއި ޕްރޮކިއުމެންޓް އޮފިސަރަކާއި ޕްރޮކިއުމެންޓް އެސިސްޓެންޓަކާއި ޑޮކިއުމެންޓް ކޮންޓްރޯލަރަކާއި ހަތަރު ސައިޓް ސުޕަވައިޒަރުންނާއި އެމްއީޕީ ކޯޑިނޭޓަރުން އަދި ދެ ޑްރާފްޓް ޕާސަން އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީގެ އީ-މެއިލް[email protected]އަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެ އިއުލާނުގައި ބުންޏެވެ.

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ކުރެއްވި ދަތުރުފުޅުގައި ވަނީ ނާގޯއްޓަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ރައީސް އިއުލާންކުރެއްވި ގޮތުގައި، އެ ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު ހުޅުވާނެ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަޝްރޫއުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރު މަހު އެ ރިސޯޓުގެ އޮޕަރޭޝަންތައް ފަށާނެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ޖަކޫޒީ ބީޗް ވިލާ އަދި ވޯޓާ ވިލާތައް ވެސް ހިމެނޭނެ އެވެ.

އެ މަސައްކަތް ނިންމޭއިރު، އެ ރިސޯޓުން އެކަނި 600 ވަޒީފާ އުފެދޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނާގޯށީގައި ރިސޯޓެއް ހަދަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތުރީކޭއާ އެންމެ ފުރަތަމަ ހަވާލުކުރީ 2007 ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން 2016 ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.

އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.

ސަރުކާރުން 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެ ރަށް އަތުލީ އެވެ. އެކަމަކު 2021 ގައި އާ ލީޒެއްގެ ދަށުން އެ ރަށް އަނެއްކާވެސް އެމްޓީޑީސީއާ ހަވާލުކުރީ އެވެ.

މި ރަށް ތަރައްގީކުރަން އެ ކުންފުނިން އެ އަހަރު ހަވާލުކުރީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ އެވެ. ތިން އަހަރުވީ އިރު ވެސް އެއްވެސް މަސައްކަތެއް ނުކުރުމުން، އެ އެގްރިމަންޓް 2023 ވަނަ އަހަރު އުވާލުމަށް ފަހު މިދިޔަ އަހަރު އަނެއްކާ ވެސް ވަނީ އެމްޓީޑީސީއާ ހަވާލުކޮށްފަ އެވެ.