ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި

ހުޅުމާލޭ ފަރުމަތިން ބަޔަކު ގާ ނަގައި ގެއްލުން ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހުޅުމާލޭ 1 ގެ އިރުމަތީ ފަރާތުގައި އެންމެ ރީއްޗަށް ބީޗް އޮންނަ އަދި ގެސްޓް ހައުސްތައް ގިނަ އެ ސަރަހައްދުގެ ފަރު ހަލާކު ކުރީ އިއްޔެ އިރު އޮއްސުނު ވަގުތު ވަރަށް ބޮޑަށް ދިޔަވަރު ހިކިފައި އޮއްވަ އެވެ.

ދިޔަވަރު ހިކި ހުޅުމާލެ ފަޅުތެރެ ވެސް ގާތައް އެއްކޮށް ފެންނަ ވަރަށް ހިކިފައި އޮތުމުން ގިނަ ބަޔަކު އެ ވަގުތު ތޮށިމައްޗަށް އަރައި ވެސް އުޅުނެވެ.

އެ މަންޒަރު ފެނުނު މީހަކު "މިހާރު" އަށް ބުނީ ފަރުމަތިން ވަކި ހިސާބަކުން ގާތައް ނަގައި އަދި ފަރުމަތިން ގާތައް ތަޅަން ހައެއްކަ މީހުން އުޅުނު ކަމަށެވެ.

"ބޮޑަށް ބެލެވެނީ އެކަން ކުރަން އުޅުނީ ވޯޓަ ސްޕޯޓްސްގެ ހިދުމަތްދޭ ބައެއް ކަމަށް. ޖެޓްސްކީ ކަހަލަ އެއްޗެހީގައި ތޮށިމަތިން ގޮސް ފަޅުން ބޭރަށް ނުކުމެވޭ ގޮތަށް މަގެއް ހަދަން އުޅުނު ކަމަށް ބެލެވެނީ،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެ މީހުން ވަނީ ދަގަނޑާއި އެކި އާލާތްތައް ބޭނުންކޮށްގެން ފަރަށް ގެއްލުން ދިނުމަށް ފަހު ފަރުމަތިން މަގަކަށްވާ ގޮތަށް ޖާގައެއް ވަނީ ހަދައިފަ އެވެ.

މިގޮތަށް ފަރުމަތިން އަދި ފަޅު ތެރެއިން ގާ ނަަގައި ވޯޓަ ސްޕޯޓްސްގައި ގެންގުޅޭ އުޅަނދުތަކަށް ޖާގަ ހެދުމަކީ ހުޅުމާލޭގައި އާންމުކޮށް ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހުޅުމާލޭ ފަޅު ތެރެ އާއި ފަރުމަތީގެ ބައެއް ހިސާބުތަކުގައި މިހާރު ހިރި ގަލާއި މުރަކަ ހެދި ރީތިވަމުން އަންނަ ކަމަށާއި އެކަމަކު ބައެއް މީހުން މިގޮތަށް ގެއްލުން ދޭ ކަމަށެވެ.

އެ މައްސަލާގައި ސުވާލުކުރި ނަމަވެސް އަދި އެކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ނުލިބެ އެވެ.

އެކަމަކު އެންވަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ސަމާލުކަމަށް ގެނެސްދޭނެ ކަމަށާއި އެ އިދާރާ އިން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

ފަރަށް ގެއްލުންދީ ފަރުމަތިން ކަނޑިންމައެއް ގޮތަށް ޖާގައެއް ހަދަން އުޅުނު މި މައްސަލަ ފެންމަތިވެފައި ވާއިރު އެޗްޑީސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑު އުޅަނދުތަކަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. މޫދަށް އެރެން އެތަން ބޭނުންކުރަމުން ދިޔައިރު ވެސް އެ ހަނި ޖާގައިގެ ތެރޭގައި ވެސް ޖެޓްސްކީ ފަދަ އެއްޗެހި ބާރު ސްޕީޑު ނުރައްކާތެރިކޮށް ދުއްވަ އެވެ.

އުޅަނދުތަކަށް ޗެނަލް ޕާކް ބަންދުކޮށް އެޗްޑީސީން ކުރި އިއުލާނުގައި އެއީ ކުޑަކުދިންނާއި ބޮޑެތި މީހުން މޫދަށް އެރެން ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރާ ތަނެއްކަން ފާހަގަކޮށްފައިވެ އެވެ.