20 ނޮވެމްބަރ 2025 - 07:14

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ 27 މީހަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލަން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން މިހާތަނަށް ދިން އެންމެ ނުރައްކާ އެއް ހަމަލާގައި ގިނަ ބަޔަކު ޝަހީދުކޮށްލާފައި ވާއިރު އިޒްރޭލާއި ހަމާސް އިން ދަނީ އެއްބަސްވުމާ ހިލާފުވުމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނި ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީން 14 މީހަކު ޝަހީދުކޮށްލި އެވެ. އަދި، ދެކުނުގެ ޚާން ޔޫނިސް ސަރަހައްދުން 13 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ބުންޏެވެ. ޝަހީދުވި މީހުން ގެންދިޔަ ކަމަށް ބުނި ހޮސްޕިޓަލްތަކުން ވެސް ވަނީ މި އަދަދަށް މީހުން މަރުވެފައިވާކަން އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.
އިޒްރޭލުން ބުނީ ހަމަލާ ދީފައިވަނީ، ވެފައިވާ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ތިބުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް ހަމާސްގެ ހަނގުރާމަވެރިން ވަދެ ހަމަލާ ދިނުމުން ކަމަށެވެ. އެކަމަކު ހަމާސް އިން ބުނީ އިޒްރޭލުން ހަދަނީ ދޮގު ކަމަށާއި ހަމާސް އިން ހަމަލާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލަށް ވެފައިވާ އެއްބަސްވުން ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅިގެން ދިޔަ ހަމަލާއެއް ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިދިޔަ މަހު ހުއްޓާލިކަން އިއުލާނުކުރި އިރު 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމަލާ ދިނުން ހުއްޓާލަން އެއްބަސްވި ނަމަވެސް އެކި އުޒުރު ދައްކައި އިޒްރޭލުން ދޭތެރެ ދޭތެރެއިން ހަމަލާދެ އެވެ.