އިންސާފުވެރި ނުވާނެ ކަމަށް ބުނެ މިސް ޔުނިވާސްގެ ދެ ފަނޑިޔާރަކު މުބާރާތުން ވަކިވެއްޖެ
އިންސާފުވެރި ނުވާނެ ކަމަށް ބުނެ މިސް ޔުނިވާސްގެ ދެ ފަނޑިޔާރަކު މުބާރާތުން ވަކިވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތް "މިސް ޔުނިވާސް"ގެ މި އަހަރުގެ މުބާރާތް މާދަމާ ފަށަން ތައްޔާރުވެފައި ވަނިކޮށް، އެ މުބާރާތުގެ ދެ ފަނޑިޔާރަކު އިއްޔެ އިސްތިއުފާ ދީފި އެވެ.

އިންސާފުވެރިކޮށް ކަންކަން ނުދާ ކަމަށް ބުނެ އެ މުބާރާތުން އިސްތިއުފާ ދިން އެއް ފަނޑިޔާރަކީ ލުބުނާން-ފްރާންސްގެ މިއުޒީޝަން އޮމަރް ހަފޫޗެވެ.

އޮމްރް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މުބާރާތް ފެށުމުގެ ކުރިން ޝޯގެ އަސްލު ފަނޑިޔާރުންގެ ފެނަލްއަށް ނާންގައި، އިތުރު ފަނޑިޔާރުންގެ ޕެނަލެއް ހަދައި، އެ ޕަނަލުން މުބާރާތުގެ ފައިނަލިސްޓުން ހޮވާފައިވާ ކަމަށެވެ.

"މުބާރާތް ފެށުމުގެ ކުރިން އެހެން ފަނޑިޔާރުންގެ ޕެނަލަކުން ވަނީ މުބާރާތުގައި ވާދަކުރާ 136 ގައުމުގެ ބައިވެރިންގެ ތެރެއިން 30 ފައިނަލިސްޓުން ހޮވައިފައި، އަހަރެން ހިމެނޭ ގޮތަށް މުބާރާތުގެ އަސްލު އެއްވެސް ފަނޑިޔާރަކު ނެތި،" އޭނާ ބުންޏެވެ.

އެ ފަނޑިޔާރުންގެ ތެރޭގައި މުބާރާތުގައި ވާދަކުރާ ބައެއް ބައިވެރިންނާއި މަސްލަހަތު ފުށުއަރާ ބައެެއް މީހުން ތިބި ކަމަށް ވެސް އޮމަރް ތުހުމަތުކުރި އެވެ.

އޭގެ މާ ގިނައިރުތަކެއް ނުވެ، އެ މުބާރާތުގެ އިތުރު ފަނޑިޔާރެއް ކަމަށްވާ ފްރާންސްގެ ފުޓްބޯޅަ މެނޭޖަރު ކްލޯދު މެކެލިލީ ވެސް ވަނީ "އަމިއްލަ ސަބަބުތަކަށްޓަކާ" އެ މުބާރާތުން ވަކިވާން ނިންމިކަން އިއުލާންކޮށްފަ އެވެ.

މި ދެ ފަނޑިޔާރުން އިސްތިއުފާ ދިނީ، މިފަހަރު "މިސް ޔުނިވާސް" ބާއްވާ ގައުމު ކަމަށްވާ ތައިލެންޑުގެ އޮފިޝަލަކު މީގެ ދެ ހަފުތާ ކުރިން ދެއްކި ވާހަކަތަކަކާ ގުޅިގެން އެ މުބާރާތުގައި ވާދަކުރި ބައެއް ބައިވެރިން އެ މުބާރާތުން ވަކިވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ނަމަވެސް، އެ މުބާރާތް ބާއްވާ މިސް ޔުނިވާސް އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ މި ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ.

މިއީ މިސް ޔުނިވާސް މުބާރާތް ބާއްވާ 74 ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް ބާއްވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މާދަމާ އެވެ.