ދުންފަތް ކޮންޓްރޯލްކުރަން ރާއްޖެއިން ކުރާ މަސައްކަތަށް އެވޯޑެއް
ދުންފަތް ކޮންޓްރޯލްކުރަން ރާއްޖެއިން ކުރާ މަސައްކަތަށް އެވޯޑެއް

ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރަން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކޮށް ބައިނަލް އަގުވާމީ ޖަމިއްޔާއަކުން ރާއްޖެއަށް އެވޯޑެއް ދީފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރަން ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ދިރާސާކުރާ، "ގްލޯބަލް ސެންޓަ ފޯ ގުޑް ގަވާނެންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)" އިން ރާއްޖެ އަށް ދިނީ އެ ޖަމިއްޔާ އިން ދެމުން އަންނަ "އިންޓެގްރިޓީ" އެވޯޑެވެ.

ރާއްޖެއަށް އެ އެވޯޑު ދިނުމުގައި ޖީޖީޓީސީ އިން ރިއާޔަތްކުރި ކަންތައްތަކުގެ ތެރޭގައި، އެ ޖަމިއްޔާ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ޝާއިއު ކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބުނު ސްކޯ ހިމެނެ އެވެ.

އެ އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިހުލާސްތެރި އަދި ދުންފަތުގެ ވިޔަފާރިކުރާ އިންޑަސްޓްރީގެ ނުފޫޒުން ސަލާމަތް ވެފައިވާ ސިޔާސަތެއްކަން ކަށަވަރުކުރަން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެ އެވެ.

އިންޓެގްރިޓީ އެވޯޑް ރާއްޖެއާ ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް، (އެފްސީޓީސީ)" ގެ ގަވަނަންސް ބައްދަލުވުން "ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ.

ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދެވެ.

ރާއްޖެއަކީ އެފްސީޓީސީގެ މެންބަރު ގައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހި ވަފުދެއް ބައިވެރިވެ އެވެ.

ދުންފަތް ކޮންޓްރޯލް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.

ރާއްޖޭގައި ވަނީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭންއަށް ވެސް މި މަހުގެ އެކަކުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.