19 ނޮވެމްބަރ 2025 - 23:44

ޓެކްސީތަކުން އަގު ނެގުމުގައި، ދަތުރުކުރާ ދުރުމިން ބަލަން ބޭނުންކުރާ މީޓަރު ނިޒާމު ތައާރަފްނުކޮށް ކާރު އިތުރުކުރިޔަސް ޓެކްސީ ނުލިބުމުގެ މައްސަލަ ހައްލުނުވާނެ ކަމަށް ޑްރައިވަރުންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
ޑްރައިވަރުންގެ ޖަމިއްޔާިއން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ނިޔާޒު ވިދާޅުވީ މީޓަރު ތައާރަފްކުރުމާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ސާވޭއެއް ހަދާފައިވާ ކަމަށެވެ. މާލެ ސަރަހައްދަށް އެންމެ ފީސިބުލް ގޮތަކީ މީޓަރު ހަރުކުރުން ކަމަށާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާނުކޮށް ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފްކޮށްގެން ވާނީ ފެއިލް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނަށް އެންމެ ފީސިބުލް ވާނީ ޓެކްސީ މީޓަރު ތައާރަފްކުރުން. ޓެކްސީ މީޓަރު ތައާރަފްނުކޮށް، އިތުރުކުރެވޭ ކާރަކުން، އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމްކޮށް، އަޅުގަނޑުމެންނަށް ދަތިކޮށްގެން މި މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ނާންނާނެ،" ނިޔާޒް ވިދާޅުވި އެވެ.
ސަރުކާރުން ތައާރަފްކުރަން އުޅޭ ޓެކްސީލައިނަށް ޑްރައިވަރުން ފާޑުކިޔާފައި މިވަނީ އެ ޓެކްސީލައިނަށް ބޭނުންވާ 407 ޑްރައިވަރުން ހޯދަން އެމްޓީސީސީން މިއަދު އިއުލާނުކޮށްފައި ވަނިކޮށެެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފަަށަން ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައިވާ ގޮތުން 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.
އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެ ކުންފުނިން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
އެކަމަކު ޓެކްސީ ޑްރައިވަރުން ހޯދަން އިއުލާނުކުރިޔަސް އެ ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ.