ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލައިފި
ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލައިފި

ޤުދުރަތީ ގޮތުން ދަރިމައިނުވާ އަންހެނުން ދަރިމައިކުރުމަށް ދޭ ހާއްސަ ފަރުވާއެއް ކަމަށްވާ އައިވީއެފް ހަދަން އެހީދޭން ސަރުކާރުން ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑު"ން މި އަހަރު ދޭ އެހީއަށް އެދެން ސަރުކާރުން މިއަދު ހުޅުވާލައިފި އެވެެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް ކަމަށެވެ.

މިދިޔަ އަހަރު 100 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލިއިރު، 93 ދެމަފިރިއަކަށް 7.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކަމަށް އެންސްޕާ އިން ވަނީ ބުނެފަ އެވެ.

މާދަމާއިން ފެށިގެން ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެ ފުރުސަތަށް އެދި ސަރުކާރުގެ "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. އަވީއެފް އާއި އަައިޔޫއައި ގެ ފަރުވާއަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލު ވެސް އެ އިއުލާނާ އެކު މިއަދު އާއްމުކުރި އެވެ.

އެ އުސޫލުގައިވާ ގޮތުން އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ މީހުންނަށެވެ. ދަރިމައިވުމުގެ އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް ޝަރުތެކެވެ.

އެންސްޕާ އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ފަރުވާގެ އެހީ ފޯރުކޮށްދިން 93 އަންހެނުންގެ ތެރެއިން 23 މީހެއްގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ.

ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.

އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ ގޮތްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.