ރަހިމެއް ލައްވައިގެން ލިބުނު "ޖާދޫ"ގެ ދަރިފުޅު
ރަހިމެއް ލައްވައިގެން ލިބުނު "ޖާދޫ"ގެ ދަރިފުޅު

އޭނާ އުފަންވެފައިވަނީ ރަހިމެއް ނެތި ކަމަށާއި ދުވަހަކު ވެސް ދަރިއެއް ނުލިބޭނެ ކަމަށް މާލިން ސްޓެންބާގް ކައިރީގައި ޑޮކްޓަރުން ބުނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގަ އެވެ. އެކަމަކު އެ މަންޒަރު ބަދަލުވެދާނެ ކަމަށް އޭނާ ހިޔެއް ނުކުރެ އެވެ.

ރަހިމެއް ލައްވައިގެން ލިބުނު "ޖާދޫ"ގެ ދަރިފުޅު
ރަހިމެއް ލައްވައިގެން ލިބުނު "ޖާދޫ"ގެ ދަރިފުޅު

ނަމަވެސް މިއަދު އޭނާއަކީ ކުޑަކުޑަ "ޖާދޫ"އެއް ފަދަ ދަރިއެއްގެ މަންމަ އެކެވެ. ދުނިޔޭގައި ރަހިމުގެ ޓްރާންސްޕްލާންޓް ހެދި ފުރަތަމަ މީހާގެ ނަސީބު ލިބިގެންނެވެ.

ސްޓެންބާގް، 38، ބުނަނީ އޭނާގެ ވާހަކަ މުޅި ދުނިޔެއަށް ކިޔައިދޭން ބޭނުންވާ ކަމަށެވެ. ސަބަބަކީ އޭނާއަށް ދިމާވި ގޮތް ދިމާވެފައިވާ އެތައް ބަޔަކަށް އެކަމުން އުންމީދު ލިބޭނެތީ އެވެ.

އާއިލާއެއް ބޭނުންވާ މީހަކަށް ކޮންމެ ސަބަބަކާހުރެ ނަމަވެސް ގުދުރަތީ ގޮތުން ދަރިން ނުލިބުމަކީ ވަރަށް ހިތާމަކުރާނެ ކަމެއް ކަމަށާއި އާއިލާއަކަށް ފުރިހަމަ އުފާވެރިކަން ލިބެނީ ދަރިއަކު ލިބުމުން ކަމަށް ވެސް ސްޓެންބާގް ބުންޏެވެ.

"އެއީ ރަހިމު ޓްރާންސްޕްލާންޓް ކޮށްގެން ނަމަވެސް އެޑޮޕްޓްކޮށްގެން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް ކުއްޖަކު ލިބުމަކީ ޖާދޫއެއް ކަހަލަ އިހްސާސެއް،" އޭނާ ބުންޏެވެ.

މެއިލް އޮންލައިންއަށް ދީފައިވާ އިންޓަވިއުއެއްގައި ސްޓެންބާގް ބުނީ އޭނާއަށް ރަހިމު ޓްރާންސްޕްލާންޓް ހެދުނީ މީގެ ތިން އަހަރު ކުރިން އޭނާގެ އެކުވެރިޔަކު އޭނާއަށް ރަހިމު ހަދިޔާކުރުމުން ކަމަށެވެ.

ސްވިޑްންގެ ގޮތެންބާގް ޔުނިވަސިޓީގައި މީގެ 20 މަސް ކުރިން ފެށި ޓްރާންސްޕްލާންޓް ޕްރޮގްރާމްގައި ބައިވެރިވެ ސްޓެންބާގް ވަނީ ލޯބިލޯބި ވިންސެންޓް ކިޔާ ފިރިހެން ކުއްޖަކު ވިހެއުމުގައި ކާމިޔާބު ހޯދާފަ އެވެ.

ސްޓެންބާގްގެ ކުރިން ވެސް ރަހިމުގެ ޓްރާންސްޕްލާންޓް ހަދާފައި އެބަހުއްޓެވެ. ނަމަވެސް ކުރީ ފަހަރުތަކުގެ މަސައްކަތް ވީ ފެއިލް އެވެ. ވިންސެންޓަކީ ރަހިމު ޓްރާންސްޕްލާންޓްކޮށްގެން އުފަންވި ފުރަތަމަ ކުއްޖާ އެވެ.

ތުއްތު ދަރިފުޅު ކުޅޭތަން ހެވިފައި ބަލަން އިނދެ ސްޓެންބާގް ބުނީ ފުރާވަރުގެ އުމުރުގައި އޭނާއަށް އެމްއާރްކޭއެޗް ސިންޑްރޯމް ޖެހިފައިވާކަން އެނގުމުން ހިތާމައިން ހިތް ހަލާކުވި އެވެ. މިއީ ވަރަށް މަދުން ނޫނީ ނުޖެހޭ ޖެނެޓިކް މައްސަލައެކެވެ. މި މައްސަލަ ހުންނަ މީހުން އުފަންވާއިރުވެސް ރަހިމެއް ނުހުރެ އެވެ.

ސްޓެންބާގް ބުނި ގޮތުގައި އެ ޚަބަރު އިވުމުން އޭނާއަށް އެކަން ގަބޫލުކުރަން ވެސް ދަތިވި އެވެ. އަދި އެއީ އޭނާއަށް ކެތްކުރަން ދަތިވި ހިތްދަތިކަމަކަށް ވިއެވެ. ދަރިން ހޯދުމަކީ އަންހެނެއްގެ ހަޔާތުގެ އެންމެ މުހިއްމު މަގްސަދަށް ވާއިރު އެފަދަ ކަމަކުން އޭނާ މަހްރޫމުވެފައިވާ ކަމުގެ އިހްސާސްތަކުން ސްޓެންބާގްގެ ހިތް ހަލާކުވި އެވެ.

"އަހަރެން ތުއްތު ކުދިންނާއި ކުޑަކުދިން ދެކެ ވަރަށް ލޯބިވޭ އަބަދުވެސް. އެހްންކަމުން އަހަރެންގެ ރަހިމުނެތްކަން އެނގުމުން ވަރަށް ބޮޑު އެކަނިވެރިކަމެއް އަހަންނަށް އިހްސާސް ކުރެވުނު،" ސްޓެންބާގް ބުންޏެވެ.

ކޮންމެއަކަސް ތަގްދީރުގައި ވާން ނެތް ކަމެއް ނުވާނެކަމަށް ނިންމައި ސްޓެންބާގް އެވިއޭޝަން އިންޑަސްޓްރީގެ ބްރޯކަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ވަރަށް އަވަދިނެތި އުޅެން ފެށި އެވެ.

ނަމަވެސް އުމުރުން 30 އަހަރުގައި ސްޓެންބާގް އަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ކްލެއަސް ނީލްސަންއާ ބައްދަލުވީ ހިސާބުން އަނެއްކާވެސް ދިރިއުޅުން ބަދަލުވި އެވެ. ދެ މީހުން ރައްޓެހިވުމުގެ ކުރިން ސްޓެންބާގް ވަނީ އޭނާގެ ހާލަތު ބައިވެރިޔާއަށް ކިޔައިދީފަ އެވެ. ދެ މީހުންވެގެން މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރާނީ ކަމަށް ސްޓެންބާގް ކައިރީ އޭނާގެ ބައިވެރިޔާ ބުންޏެވެ.

އެގޮތުން އެޑޮޕްޝަން އާއި ސަރަގަސީގެ ޒަރިއްޔާއިން ކުއްޖަކު ހޯދުމަށްވެސް މި ދެ މީހުން ވިސްނި އެވެ. އެންމެ ފަހުން ރަހިމު ޓްރާންސްޕްލާންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ނިންމީ އެވެ.

ސްޓެންބާގް އާއެކު މި ޕްރޮގްރާމްގައި ބައިވެރިވި ނުވަ އަންހެނުންނަށް ރަހިމު ހަދިޔާކުރީ އެމީހުންގެ މަންމަ އެވެ. ނަމަވެސް ސްޓެންބާގް އަށް ރަހިމު ހަދިޔާކުރީ އޭނާގެ އެކުވެރިއެއް ކަމަށްވާ އުމުރުން 61 އަހަރުގެ އީވާ ރޯސަން އެވެ.

ސްޓެންބާގްގެ ޓްރާންސްޕްލާންޓް ކާމިޔާބުވުމުން އައިވީއެފްގެ ފަރުވާދީގެން ފުރަތަމަ ފަހަރުން އޭނާ ބަލިވެ އިނެވެ. އަދި ދެން ވިހެއުމާ ދޭތެރޭ ވޭތުވި ދުވަސްތަކަކީ އޭނާ އާއި އޭނާގެ ބައިވެރިޔާއަށް ވަރަށް ޖަޒުބާތީ ދުވަސްކޮޅަކަށް ވިއެވެ. ސްޓެންބާގް ދުވަސްނުފުރާ ވިހެއީ ދުވަސް ފުރެން ބާކީ ދެ މަސް އޮއްވަ އެވެ.

ވިންސެންޓް އަކީ މިގޮތަށް އުފަންވި ފުރަތަމަ ކުއްޖާ ނަމަވެސް އޭނާގެ ފަހުން ތިން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ރަހިމު ޓްރާންސްޕްލާންޓް ކޮށްގެން އުފަން ވެފައި ވެއެވެ. އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މިހާރު މި ޕްރޮގްރާމް ފަށާފައި ވެއެވެ.

އިނގިރޭސި ވިލާތުގައި އެކަނިވެސް ރަހިމު ނެތި އުފަންވެފައިވާ 15،000 އަށްވުރެ ގިނަ އަންހެނުން އެބަތިއްބެވެ. އަދި ކެންސަރާއި އެނޫންވެސް ބަލިތަކުގެ ސަބަބުން ގިނަ ބަޔަކު ރަހިމު ނަގަން ވެސް ޖެހެ އެވެ.

ނަމަވެސް ވިންސެންޓް އަކަށް ކޮއްކޮއެއް ހޯދުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ އޭނާގެ މަންމަގެ އާ ރަހިމު މިހާރު ނަގާފައިވާތީ އެވެ. ދެ ވަނަ ފަހަރަށް ބަލިވެ އިނދެއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.