19 ނޮވެމްބަރ 2025 - 16:41

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު އެ ބަޖެޓް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެކަމާ ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބައެއް އިދާރާތަކުގެ ބަޖެޓު އިތުރު ކުރުމަށް އެދުނު ނަމަވެސް، އެގޮތަށް ބަދަލު ގެނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
"މިއަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާތީ އިތުރަށް ބަޖެޓަށް އިތުރު ކުރެވެން ނެތް ކަމަށް. އެހެން ނަމަވެސް މަޖިލީސް އިދާރާއަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ބަޖެޓުގެ ތެރެއިން އެޖަސްޓް ކޮށްގެން ހަމަޖައްސާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެހެން އިދާރާތަކަށް ދިމާވާ ބަޖެޓްގެ ދަތި ކަމަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓް ތެރެއިން އަންނަ އަހަރު ބަޖެޓް ދޫކުރާނެ ކަމަށެވެ.
މިއަދުގެ ބަޖެޓު ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަސްވެރިންނަށް ދޭ ސަބްސިޑީ މިއަހަރު 341 މިލިއަން ރުފިޔާގައި ހުރި ނަމަވެސް އަންނަ އަހަރު އެ އަދަދު 280 ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް 120 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް 165 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނުމަށް އޭނާ ހުށަހެޅުއްވި އެވެ.
މީގެ އިތުރުން ދަނޑުވެރިންނަށް ބަޖެޓުގެ ތެރެއިން 50 މިލިއަން ރުފިޔާ ކަނޑައަޅަން އޭނާ ހުށަހެޅުއްވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި ލަފާ ބަޖެޓް ރެކޮމެންޑޭޝަންގެ ގޮތުގައި ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ އެއްވެސް ހުށަހެޅުމެއް ކޮމެޓީން ފާހެއް ނުވި އެވެ.
ބަޖެޓުގެ މުހިއްމު އަދަދުތައް
• ޖުމްލަ ބަޖެޓް: 64 ބިލިއަން ރުފިޔާ
• ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ
• ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ
• ރިކަރަންޓް ހަރަދު: 39.9 ބިލިއަން ރުފިޔާ
• ޑެފިސިޓް: 8.8 ބިލިއަން ރުފިޔާ
• ޖީޑީޕީ ކުރިއަރާ މިންވަރު: 5.3 ފަސެންޓް