މެންބަރުންނާ ގުޅޭ އާންމު ވޯޓުގެ އިސްލާހު ބަލައިގެންފި
މެންބަރުންނާ ގުޅޭ އާންމު ވޯޓުގެ އިސްލާހު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ހެދުމަށް އަދި އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހު ބަލައިގަންނަން 56 މެންބަރުން ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ނަމަވެސް، މި ބިލްގެ ބަހުސްގައި ޕީއެންސީގެ މެންބަރުން ވަނީ މެންބަރުންނާ ގުޅޭ ގޮތުން ރައްޔިތުންގެ އާންމު ވޯޓާ ނެގުމާ ދެކޮޅަށް ވާހަކަ ދައްކަވައި، އެ ކަމަށް ތާއިދު ނުކުރާ ކަން ހާމަކުރައްވައިފަ އެވެ.

މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ނަމަވެސް ޝުޖާއު އިސްލާހު ހުށަހެޅުއްވީ މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކުރާށެވެ.

ގާނޫނުއަސާސީ އަށް ޝުޖާއު ހުށަހަޅުއްވާފައި ވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.

އަދި އެ އާންމު ވޯޓުގައި މެމްބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އެކަމަކު، މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.

މީގެއިތުރުން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރާށެވެ.

އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވި އެވެ.

މީގެ އިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފަ އެވެ.