19 ނޮވެމްބަރ 2025 - 14:36

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ޓީމާއި، ރަނަރަޕް ޓީމަށް އެފްއޭއެމުން ދޭން އޮތް 75،000 ޑޮލަރު (1.16 މިލިއަން ރުފިޔާ) އެ އެސޯސިއޭޝަނުން ދައްކައި ހަލާސްކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށުގައި މިހާރު ޖަލުގައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަން އިންޑިއާ އަށް ދޭން ޖެހޭ 50،000 ޑޮލަރާއި، ރަނަރަޕް ނޭޕާލަށް ދޭން ޖެހޭ 25،000 ޑޮލަރު ނުދީގެން މިދިޔަ އަހަރު ވަރަށް މައްސަލަ ބޮޑުވި އެވެ.
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރު ގައުމުތަކުން އެ މައްސަލަ ނަގައި، ޖަލްސާ ވަރަށް ބޮޑަށް ހޫނުކުރި އެވެ. އެ މައްސަލަ އޭރު އޮތީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު "މިހާރު" އަށް ވިދާޅުވީ، އެ އެސޯސިއޭޝަނުގެ ދަރަނިތައް ދެއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، އިނާމް ފައިސާ ދެއްކީ އެ މަސައްކަތުގެ ދަށުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ފައިސާ ނުދޭތީ އެފްއޭއެމްއާ ސާފްއާ އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.
"އަޅުގަނޑުމެން މި އަންނަނީ ގުޅުންތައް ރަނގަޅުކުރަމުން،" ޒަރީރު ވިދާޅުވި އެވެ.
ބައްސާމުގެ ދައުރުގައި އެފްއޭއެމް ދަރައި، ބަނގުރޫޓުވުމާ ހިސާބުގައި އޮއްވާ ސަލާމަތްކުރީ ފީފާ އިންނެވެ. އެގޮތުން ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއަކުން ހަވާލުވެ ފައިސާގެ މުއާމަލާތްތައް ބަލައި، އާ އަސާސީ ގަވާއިދެއް އެކަށައަޅައި، އިންތިހާބެއް ބޭއްވީ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި އެގްޒެކެޓިވް ކޮމިޓީން އެފްއޭއެމްއާ ހަވާލުވީ އެ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
ފީފާ އިން އަންނަނީ އެފްއޭއެމްގެ ދަރަނިތައް ދައްކަން އެހީތެރިވަމުންނެވެ. އަދި ފީފާގެ ލަފާގެ މަތިން އެފްއޭއެމުން އަންނަނީ ބައެއް ދަރަނިތައް ރީސްޓްރަކްޗާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.