19 ނޮވެމްބަރ 2025 - 15:12

އައްޑޫ ސިޓީން މީދޫ އަދި ހުޅުދޫ ވަކިވާން ނިންމާފައިވާތީ، ދެން އިންތިހާބު ކުރާ އައްޑޫ ސިޓީ ކައުންސިލެއްގައި މޭޔަރުގެ އިތުރުން ދެން ތިބޭނީ ހަ ކައުންސިލަރުން ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ފާޅުކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން 10،000- 30،000 އާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީއެއްގެ ސިޓީގެ ކައުންސިލްގައި ތިބޭނީ މޭޔަރާއެކު ހަ ކައުންސިލަރުންނެވެ. އާބާދީގައި 30،000- 60،000 އާ ދެމެދުގެ ސިޓީއެއްގެ ކައުންސިލްގައި ތިބޭނީ މޭޔަރާ އެކު 13 ކައުންސިލަރުންނެވެ.
އާބާދީގެ އަދަދަކީ، 60,000 މީހުންނަށް ވުރެ އިތުރު އަދަދެއް ނަމަ ކައުންސިލްގެ މޭޔަރާ އެކު 19 ކައުންސިލަރުންނެވެ. މި އަދަދަށް މި ވަގުތު ކައުންސިލަރުން ތިބީ މާލެ ސިޓީ ކައުންސިލްގަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި މީދޫ އަދި ހުޅުދޫ ހިމަނައިގެން އާބާދީ 30،000 އަށް އަރަ އެވެ. އެހެންވެ، އެ ސިޓީގައި މި ވަގުތު ތިބީ މޭޔަރާ އެކު 13 ކައުންސިލަރުންނެވެ.
ނަމަވެސް، މީދޫ އާއި ހުޅުދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ނުފެންނަ ވޯޓުގައި ދާދި ފަހުން ފާސްކޮށްފައިވާތީ، އައްޑޫ ސިޓީގައި މިވަގުތު އޮތީ ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ އެވެ. އެ ރަށްތަކުގެ ޖުމްލަ އާބާދީ 30،000 އަށް ވުރެ މައްޗަށް ނާރަ އެވެ. މިހާރު އައްޑޫ ސިޓީ ކައުންސިލްގައި ތިބެނީ މޭޔަރާ އެކު 13 ކައުންސިލަރުންނެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވި ގޮތުގައި މިހާރު އައްޑޫ ސިޓީގެ އާބާދީއަކީ 29،000 އެވެ. އެހެންކަމުން ގާނޫނު އޮތް ގޮތުން ދެން އައްޑޫ ސިޓީ ކައުންސިލް ފެތެނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ހޮވަން ޖެހޭ ގޮތަށެވެ.
ނާޒިލް ވިދާޅުވީ ރާއްޖޭގައި މާލެ ފިޔަވައި ދެން ހުރި ސިޓީތަކަށް ބަލާއިރު އައްޑޫ ސިޓީގެ އާބާދީއަކީ ބޮޑު އާބާދީއެއް ކަމަށާއި ނަމަވެސް، ކައުންސިލަރުންގެ އަދަދު އެ ކައުންސިލްތަކާ އެއްވަރުވެ، މަދު އަދަދަކަށް ދަށްވެގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހު އޮތް ގޮތުން އައްޑޫ ސިޓީ ކައުންސިލަށް ވުރެ ގިނައިން ފުވައްމުލައް ސިޓީ ކައުންސިލަރުންގެ މެންބަރުން އިތުރު ވާނެ އެވެ. އެ އިސްލާހުގައި މާލެ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގައި ހިމެނޭނެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވެ އެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގައި 16 މެންބަރުން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ.
ދެން އޮތް އައްޑޫ ސިޓީ ކައުްންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.