19 ނޮވެމްބަރ 2025 - 13:00

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 16 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން ދާއިރު، ގަދަކަމުން އަންހެނަކު ހިފަހައްޓައި، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވެ އެވެ. އޭނާއަށް ވެސް ޖިންސީ އަނިޔާކުރި ކަމަށް ދެކެވުނަސް އެކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި މާލޭގެ މަގެއްގެ މަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ހާމަވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.