ޑްރަގްގައި ޖެހި، ސަލާން ޖަހަން އުޅުނު މީހުންނަށް ފަރުވާ ދެނީ
ޑްރަގްގައި ޖެހި، ސަލާން ޖަހަން އުޅުނު މީހުންނަށް ފަރުވާ ދެނީ

ޑްރަގްގެ ވަބާގައި ޖެހި، މަގުމަތީގައި ސަލާން ޖަހަން އުޅުނު 350 އެއްހާ މީހުންނަށް ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ހުންނަ ޑްރަގް ރިމާންޑް ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ޑްރަގްގައި ޖެހި، ސަލާން ޖަހަން އުޅުނު މީހުންނަށް ފަރުވާ ދެނީ
ޑްރަގްގައި ޖެހި، ސަލާން ޖަހަން އުޅުނު މީހުންނަށް ފަރުވާ ދެނީ

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި އިހުސާން ވިދާޅުވީ ޑްރަގާއި ގޭންގް ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އެ މިނިސްޓްރީން މުހިއްމު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ބޮޑު އާބާދީއެއް ޑްރަގްގެ ވަބާގައި ޖެހިފައި ވާއިރު، މި ސަރުކާރު ވެރިކަމަށް އައިއިރު ޑްރަގް ކޯޓުން ހުކުމްކޮށް، ފަރުވާއަށް ނުގެންދެވި 700 މީހުން ތިބި ކަމަށެވެ. އަދި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެ އެންމެންނަށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ އިތުރުން 350 އެއްހާ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޑްރަގްގެ ވަބާގައި ޖެހިފައިވާ އެކި އުމުރުފުރާގެ މީހުން ވަކިން ހުޅުމާލޭ ހާފްވޭ ހައުސްގައި ރިމާންޑް ސެންޓަރެއް ހަދައި، ހަމަ މިގޮތުން އެމީހުން ނެގުމުގެ މަގު ހޯދައިގެން މިހާރު ވެސް 350 ފަރާތެއް އެ ރިމާންޑް ސެންޓަރުގައި ދަނީ ހިދުމަތް ލިބިގަންނަމުން."

އިހްސާން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މަސައްކަތުން ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. ގަމުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުމުގެ މަސަައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ތަންތަނުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފެށުމުން ރައްޔިތުން އެދޭ ފަދަ ނަތީޖާތަކެއް ނިކުންނާނެ ކަމަށާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލާފައިވާ މީހުންނަށް ވެސް ރިހެބިލިޓޭޝަން ދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ،

ރާއްޖޭގައި ގޭންގް ކުށްތައް މަނާކުރާ ގާނޫނެއް ކުރިން އޮތަސް، އެކަން ވެސް އޮތީ އެކަށީގެންވާ ގޮތެއްގައި ނުކުރެވި ކަމަށާއި އެހެންވެ، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، މިހާރު އަމަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ގާނޫނާއެކު ފުލުހުންގެ ތެރޭގައި ގޭންގްތަކާ ދެކޮޅަށް ހާއްސަ ޔުނިޓެއް ގާއިމުކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގޭންގް ކުށްތައް 23 ޕަަސެންޓަށް ދަށްވެފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގޭންގް މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ މަސައްކަތުން ގޭންގް ކުށްތައް 23 ޕަސެންޓް މިހާރު ވަނީ ދަށްކޮށްފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރު ނިމެއިރު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ހައްލުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލައާ ގުޅިގެން އިހުސާން ވިދާޅުވީ އެ މަސައްކަތް ފެށިއިރު، 290،000 އެއްހާ އެކްޓިވް ވޯކްޕާމިޓް ހުރި ކަމަށާއި އެކަމަކު ބޯޑާ ކޮންޓްރޯލް ސިސްޓަމާއި ވިސާ ސިސްޓަމުގައި ހުރި މައުލޫމާތު ދިމާނުވާތީ، ރާއްޖޭގައި ތިބި ބިދޭސީންގެ ސީދާ އަދަދު ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ ތެރެއިން އެކްޓިވް މީހުންނާއި ފިލައިގެން އުޅޭ މީހުން ވަކި ނުވާ ކަމަށާއި އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

އެ އޮޕަރޭޝަނުގައި 200،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޔޮމެޓްރިކްސް ދެނެގަނެވޭ ފެންވަރުގެ އެޕްލިކޭޝަނެއް އިމިގްރޭޝަނުން މިހާރު ގާއިމްކޮށް، ފްރޮންޓް ލައިންގައި އުޅޭ އިމިގްރޭޝަން އޮފިސަރުންނާއި ފުލުހުންނަށް ވެސް މިހާރު އެކްސެސް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ބިދޭސީން މައުލޫމާތު ނުދިނަސް، އެމީހުންގެ ފޮޓޯ ބޭނުންކޮށްގެން އެއީ ކޮން ބައެއްކަން ދެނެގަނެވޭނެ ކަމަށް އިހްސާން ވިދާޅުވި އެވެ.

އެ އެޕްލިކޭޝަންގެ އެކްސެސް، ރަށްރަށުގެ ކައުންސިލުތަކަށް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި އެ އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން، ވިސާ ނެތި އުޅޭ މީހުން ހޯދަން ފަސޭހަވާނެ އެވެ. އަދި ބަޔޯމެޓްރިކްސް ނެތް މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، މިހާތަނަށް 9000 އަށް ވުރެ ގިނަ ބަޔަކު ޑީޕޯޓުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.