19 ނޮވެމްބަރ 2025 - 12:32

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޕީއެންސީގެ ބައެއް މެންބަރުން ދެކޮޅުކަން ހާމަކުރައްވައިފި އެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އިސްލާހުގައި ބުނީ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.
އިސްލާހު ހުށަހެޅުމަށްވުމަށް ފަހު، ޝުޖާއު މިއަދު ވިދާޅުވީ މި އިސްލާހަކީ ރައްޔިތުން ބާރުވެރިކޮށް ރައްޔިތުން ގޮތް ނިންމުމުގެ ފުރުސަތު ދޭން ގެންނަ ބަދަލެއް ކަމަށެވެ. މެންބަރުން ޕާޓީން ވަކިކުރާ ހާލަތުގައި ވެސް އެންމެ ފަހުގެ ބަސް ބުނާނީ ރައްޔިތުން ކަމަށް ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެެވެ.
ނަމަވެސް، އިސްލާހަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ތާއިދެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން އެ ހުރީ ގޮނޑި ގެއްލިފައި ކަމަށާއި ގޮނޑި ގެއްލުނީމަ އަލުން ބޭނުމިއްޔާ އިންތިހާބުގައި ވާދަކުރަންވީ ކަމަށެވެ.
"އަޅުގަނޑު ހޮވި ޕާޓީން އެ ޕާޓީ އަށް އަޅުގަނޑުގެ ހިދުމަތް ކަމުނުދިޔައީމަ އެ ޕާޓީއަށް ބޭވަފާތެރިވެއްޖެ ކަމަށް ފެންނަ ހިނދެއްގައި އެ ޕާޓީން ވަކިކޮށްފި ނަމަ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ނަފުސުގެ ޔަގީންކަން އޮތީ،" ފަލާހު ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވިދާޅުވި ގޮތުގައި، އިސްލާހާ އެކު އިންތިހާބުތައް ބާއްވަން ކުރަން ޖެހޭ ހަރަދުތައް އިތުރުވެގެންދާނެ ކަމަށާއި ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި 200-300 މިލިއަންއެއްހާ ރުފިޔާ އިންތިހާބުތައް ބާއްވަން ހަރަދުކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެންނައިރު އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި މި އިންތިހާބުތައް ބާއްވަން ހަރަދު ކުރަން ޖެހިއްޖެ ނަމަ އަސާސީ ކަންކަން ފުރިހަމަ ކުރަން ހުރި އެތައް ކަމަކަށް ހުރަސް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަރަދުގެ ގޮތަށް ބަލާއިރު، އިސްލާހު ފާސްކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ.
ބައެއް މެންބަރުން ވަނީ އިސްލާހާ އެއްކޮޅަށް ވެސް ވާހަކަ ދައްކަވައިފަ އެވެ.
ހިތަދޫ މެދު ދާއިރާ މެންބަރު އަހުމަދު އަޒާން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ބައެއް ކަމަށް ހަދަން ޖެހޭނެ ކަމަށާއި އިސްލާހާ އެކު މެންބަރުން ވަކި ކުރަން ރައްޔިތުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކަށް ޑިމޮކްރަސީގައި ނަމޫނާ ދައްކަން ވެސް ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މެންބަރުންނާ ގުޅޭ އާންމު ވޯޓުގެ އިސްލާހާ އެކު، އަތޮޅު ކައުންސިލްތައް އުވާލަން ވެސް ޝުޖާއު ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހަށް ބަހުސް ކުރެއްވި ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ވަނީ ތާއިދު ކުރައްވައިފަ އެވެ. އެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި އަތޮޅު ކައުންސިލްތަކުން ބޭކާރު އެތައް ހަރަދެއް ކުރާއިރު އެ ނިޒާމުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލްތައް ބާރުވެރިކުރުމަކީ އަމާޒު ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވަނީ އަތޮޅު ކައުންސިލް އުވާލަން ތާއިދު ނުކުރައްވާކަން ކަން ހާމަކުރައްވައިފަ އެވެ. ނަމަވެސް، މެންބަރުންނާ ގުޅޭ އާންމު ވޯޓުގެ ނިޒާމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
ނަމަވެސް، އާންމު ވޯޓާއި އަތޮޅު ކައުންސިލްތައް އުވައިލުމުގެ އިސްލާހު އެއް ބިލެއްގެ ގޮތުގައި އޮތުމުން އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭގައިވާ ބައެއް ކަންކަމަށް ތާއިދު ކުރެވި، އަނެއް ކަމަށް ތާއިދު ނުކުރައްވާ ހާލަތުގައި ވޯޓު ދޭނެ ގޮތާ މެދު މެންބަރުން ސުވާލު އުފެއްދެވި އެވެ. ފީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް އެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.