ބޮޑީވޯން ކެމެރާ ގަންނަން ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ހިއްސާދާރުންނާ!
ބޮޑީވޯން ކެމެރާ ގަންނަން ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ހިއްސާދާރުންނާ!

ފުލުހުންގެ އިދާރާއިން 2022 ވަނަ އަހަރު ބޮޑީ ވޯން ކެމެރާ ހޯދަން ހަވާލުކުރީ، އެންމެ ފުރަތަމަ އެ މަސައްކަތް ހަވާލުކޮށް، ޝަރުތު ހަމަ ނުވާ ކަމަށް ޓެންޑާ ބޯޑުން ކަނޑައެޅި ކުންފުނީގައި ހިމެނޭ ހިއްސާދާރުންގެ އެހެން ކުންފުންޏަކާ ކަން ހާމަވެއްޖެ އެވެ.

ބޮޑީވޯން ކެމެރާ ގަންނަން ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ހިއްސާދާރުންނާ!
ބޮޑީވޯން ކެމެރާ ގަންނަން ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ހިއްސާދާރުންނާ!

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށީ ފެބްރުއަރީ 13 2022 ގައި އޭރުުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ލީޑަޝިޕްގަ އެވެ.

ބޮޑީވޯން ކެމެރާ ގަންނަން ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ހިއްސާދާރުންނާ!
ބޮޑީވޯން ކެމެރާ ގަންނަން ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ހިއްސާދާރުންނާ!

ފުލުހުންގެ ކުންފުނި، ފޮލްކޯއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި ހޯދާފައިވާ މައުލޫމާތުން އެނގޭ ގޮތުން ބޮޑީ ވޯން ކެމެރާ ހޯދުމަށް ފުރަތަމަ ހުޅުވާލީ 1،400 ކެމެރާއަށެވެ. ސިންގަލް ޕްރޮކިއުމެންޓް އުސޫލުން އެކަން ކުރުމަށް ކަނޑައަޅައި އެ މަސައްކަތް ހަވާލުކުރީ ޒެޓާ އެންޓަޕްރައިޒަސް އާ އެވެ.

އެކަން ޓެންޑާ ބޯޑުން ބެލުމަށް ފަހު، އެއީ އެ ކަމަށް ޝަރުތުހަމާ ކުންފުންޏެއް ނޫން ކަމަށް ފަހުން ނިންމި އެވެ. ޓެންޑާ ބޯޑުން އެގޮތަށް ނިންމީ 1،400 ކެމެރާ ހޯދުމަށް ސިންގަލް ސޯސްކޮށް އެކަން ކުރަން ނުފެންނާތީ އެވެ.

ޓެންޑާ ބޯޑުން ބުނީ ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔަ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ކަމަށެވެ. ޒެޓާ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަން ވެސް ޒެޓާގައި ނެތް ކަމަށް ޓެންޑާ ބޯޑުން ބުންޏެވެ.

ޓެންޑާ ބޯޑުން ވަނީ ފުލުހުން އެ މަސައްކަތް ކުރުމަށް ޕްރޮކިއުމެންޓް ފެށި ތާރީހާއި ޒެޓާ އިން ކެމެރާ ހޯދުމުގެ ޓްރަޔަލް މަސައްކަތް ފެށި ތާރީހުތަކުގައި ފުށުއެރުންތަކެއް ހުރި ކަން ވެސް ފާހަގަކޮށްފަ އެވެ.

ނެޝަނަލް ޓެންޑާ ބޯޑުން އެގޮތަށް ނިންމުމުން، ފުލުހުންގެ އިދާރާއިން އަނެއްކާ ވެސް ވަނީ 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ގެޒެޓްކޮށްފަ އެވެ. އެކަމަށް އިއުލާނުކުރީ ކުުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮކްޓޫބަަރު 2021، ގަ އެވެ. އެ ޕްރޮޖެކްޓަށް ތިން ފަރާތަކުން ކުރިމަތިލި އިރު ފުލުހުންގެ އިދާރާއިން އެ މަސައްކަތް ހަވާލުކުރީ ޒެޓާ ޓެކްނޮލޮޖީއާ އެވެ.

އެއީ ޒެޓާ އެންޓްޕްރައިޒަސްގައި ހިމެނޭ ހިއްސާދާރުންނަށް ނިސްބަތްވާ ކުންފުންޏެކެވެ.

ބޮޑީ ވޯން ކެމެރާ ގަތުމަށް ހަވާލުކުރި ކުންފުންޏާ ގުޅޭ މައްސަލައެއް އޭސީސީއިން އޭރު ބެލި އެވެ. އަދި މައްސަލައިގައި އޭސީސީން ވަނީ އެކަން ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށް އޭރު ނިންމައިފަ އެވެ.

މާލިއްޔަތުގެ ސަބް ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ކެމެރާ ގަތުމުގެ ކަންކަން ހިންގި ޓައިމްލައިން މިހާރު ވަރަށް ފުރިހަމައަށް ސާފުވެއްޖެ ކަމަށާއި ޒެޓާ އެންޓްޕްރައިޒަސް އަކީ ކޮލިފައި ނުވާ ބައެއް ކަމަށް ނިންމުމުން އަނެއްކާ ވެސް އެއް ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ދީފައި އޮތް ކަން ސާފުކޮށް އެނގޭ ކަމަށެވެ.

އެ ކަމަށް އެންމެ ފުރަތަމަ ހަރަދުވާނެ ކަމަށް 48 މިލިއަން ރުފިޔާ ލަފާކުރި ނަމަވެސް، މަސައްކަތް ނިމުނު އިރު އެ ކަމަށް 66 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންވެ، ކެމެރާ ހޯދުމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ހޭދަކުރި ކަން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮބްޒަވޭޝަންގައި ފާހަގަކުރެވެނީ ޒެޓާ ޓެކްނޮލޮޖީސް އިން ޕްރޮސެސް ފެށި ފަހުން މިއޮތީ އޭޖެންސީ ހޯދާފައި. 1،400 ކެމެރާ ގަންނަން އުޅެފައި 200 ގަނެފައި ދެން 1،200 ގަންނަން ބުނި ޖަސްޓިފިކޭޝަން އަކީ މިހާރު ހުރީ 200 ކެމެރާ ހޯދިފައޭ، އެހެންވީމަ ދެން ހޯދަން ޖެހޭނީ މި ބްރޭންޓް ގެ ކެމެރާއޭ،" ނާޒިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން އެޒޯން ބްރޭންޑްގެ ބޮޑީ ވޯން ކެމެރާ ގަތުމުގެ މަސައްކަތް 2021 ވަނަ އަހަރު ޒެޓާއިން ފެށި އިރު އެކުންފުންޏަށް އެކްސްކްލޫސިވް ރައިޓް ލިބިފައިވަނީ އޭޕްރީލް 2022 ވަނަ އަހަރު އެވެ. އެހެންވެ، އެކްސްކްލޫސިވް ރައިޓް ލިބުމުގެ ކުރިން ވެސް ކެމެރާ ގަތުމުގެ ކަންކަން ކުރި ކަން އެނގޭ ކަމަށެވެ

އިތުރު 1،200 ބޮޑީ ކެމެރާ ގަތުމަށް ނޮވެމްބަރު 27 2022، ގައި ފުލުހުން ޒެޓާ ޓެކްނޮލޮޖީއާ ހަވާލުކުރީ 66 މިލިއަން ރުފިޔާއަށް ނަމަވެސް، ފުލުހުންގެ އިދާރާއިން އެ ކުންފުންޏަށް 67 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ވެސް ސަބް ކޮމިޓީން އެއްކުރި މައުލޫމާތުތަކުން އެނގެ އެވެ.