ދިރާގު ރޯޑް ރޭހުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް!
ދިރާގު ރޯޑް ރޭހުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް!

ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 13 ޖަމިއްޔާއަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދިރާގުން ހަދިޔާކޮށްފި އެވެ.

މި ފައިސާ އެންޖީއޯތަކާ ހަވާލުކުރީ އެ ރޭހުގެ ދުވުންތެރިންނަށް އިނާމު ދިނުމަށް ދިރާގުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖައްމިއްޔާތަކަށް ޖުމްލަ 678،800ރ. ދީފަ އެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވަނީ ކުޑަކުދިން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ޝިއާރާ އެކު ކަމަށެވެ. އަދި މި އަހަރުގެ ދުވުން ބޭއްވީ ކުޑަކުދިން ރައްކާތެރިކުރުމަށާއި ހުރިހާ ކުދިން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ 13 އެންޖީއޯއަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

މި އަހަރު ވެސް ދިރާގު ރޯޑް ރޭހަށް ރަޖިސްޓްރީ ކުރި އިރު ކޮންމެ ދުވުންތެރިއަކަށް ވެސް އެ ދުވުންތެރިއަކު ބޭނުން އެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވައިލި އެވެ. އަދި ދުވުމުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 76،831ރ. ހަދިޔާކުރި އެވެ. މި ފަސް އެންޖީއޯއަށް ޖުމްލަ ދެ ލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

މިއަހަރު އެންމެ ގިނަ ނޮމިނޭޝަން ލިބުނު އެންޖީއޯތަކަކީ:

- ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް

- ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

- މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

- އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)

މި ދުވުމުގެ ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100ރ. އާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު 478،800ރ. ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނާ އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ. އަދި ދިރާގު ރޯޑް ރޭހުން އެންޑޯސްކޮށްފައިވާ އިތުރު ހަތް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް ދިރާގުން ވަނީ 36،831ރ. ހަދިޔާކޮށްފަ އެވެ. އެ އެންޖީއޯތަކުގެ ތެރޭގައި ހިމެނެނީ:

- ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ

- ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)

- ކެއާ ސޮސައިޓީ

- މޮމްސް އެއިޑް

- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)

- ވީލްޗެއާ އެސޯސިއޭޝަން އޮފް މޯލްޑިވްސް

- ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވަމުން އަންނަ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ދުވުމެކެވެ. މި އަހަރު މި ދުވުން ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް 100 ޕަސެންޓު އޮފްސެޓު ކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ދިރާގުން މުހިންމު ލަނޑުދަނޑިއެއް ވެސް ވަނީ ހާސިލްކޮށްފަ އެވެ.

މި ދުވުން އަންނަ އަހަރު ވެސް ބޭއްވުމަށް ދިރާގުން ވަނީ ތާވަލުކޮށްފަ އެވެ. އަންނަ އަހަރު މި ދުވުން އޮންނާނީ އޮކްޓޯބަރު 30 ވަނަ ދުވަހު އެވެ.