ޑިޕްރެޝަނުން އެންމެން ބަލިވަނީ، ވާހަކަ ދައްކަމާ!
ޑިޕްރެޝަނުން އެންމެން ބަލިވަނީ، ވާހަކަ ދައްކަމާ!

އިންސާނުންނަށް މިއަދު ތަހަންމަލްކުރަންޖެހޭ ބަލިތަކުގެ މައިގަނޑު އެންމެ ބޮޑު ސަބަބަކަށް ޑިޕްރެޝަން ވެއްޖެ ކަމަށާއި ކޮންމެ މީހަކު ވެސް މިކަމާ ވާހަކަ ދައްކަން ފެށުމަކީ މައްސަލައަށް ހައްލު ހޯދުގެ ފުރަތަމަ ފިޔަވަޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އިއްޔެ ބުނެފި އެވެ.

ސިއްހަތު ޖަމިއްޔާއިން ބުނީ ޑިޕްރެޝަންގެ މައްސަލަތަކާ ކުރިމަތިވެފައިވާ 300 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށް އަންދާޒާކުރެވޭ ކަމަށާއި 2005 އިން 2015 އާ ހިސާބަށް ބަލާއިރު މިއީ 18 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

ޑިޕްރެޝަންގެ މައްސަލަ ބޮޑުވަމުން އަންނާތީ މި އަހަރުގެ ސިއްހަތު ދުވަސް ހާއްސަކޮށްފައި ވަނީ މި މައްސަލަޔަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. އޭޕްރީލް 7 ގައި ފާހަގަކުރާ ސިއްހަތު ދުވަހުގެ ޝިއާރަކީ "ޑިޕްރެޝަން: ލެޓްސް ޓޯކް" އެވެ. ސިއްހަތު ޖަމިއްޔާއިން ބުނީ ކަންކަމާ ދެރަވެ، ކަންބޮޑުވެ ޑިޕްރެޝަންގެ ތެރޭގައި އުޅުމުގެ ބަދަލުގައި އެކަމަށް އޮތް އެންމެ އަވަސް ފަރުވާ އަކީ ވާހަކަ ދެއްކުން ކަމަށެވެ. ޑިޕްރެޝަން ސިއްރު ނުކުރުމަށާއި އެ ވާހަކަ ދައްކައި، އެހީތެރިކަން ހޯދައި ފަރުވާކުރަންޖެހޭ ނަމަ އެ ފަރުވާއެއް ހޯދުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރެ އެވެ.

"ޑިޕްރެޝަންގެ ހާލަތު ދެނެގަތުމަށާއި އެކަމަށް ފަރުވާ ކުރުމަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި އެކަށީގެންވާ ގޮތަކަށް މިހާރު މަސައްކަތެއް ނުކުރޭ،" ޑަބްލިޔު.އެޗް.އޯގެ މެންޓަލް ހެލްތު އެންޑް ސަބްސްޓެންސް އެބިއުސްގެ ޑިރެކްޓަރު ޑރ. ޝޭޚަރް ސަޒޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޕްރެޝަންއާ މެދު އަމަލުކުރާ ގޮތަށް ބަލާއިރު ކޮންމެ ގައުމެއް ވެސް އުޅެނީ "ތަރައްގީވަމުން އަންނަ ގައުމެއް"ގެ ހާލަތުގައި ކަމަށެވެ. އެގޮތުން، އެންމެ ބޮޑަށް ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުގައި ވެސް ޑިޕްރެޝަން ހުންނަ މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުން ވެސް ދެނެ ނުގަނެވޭކަމަށާއި ރަނގަޅަށް ފަރުވާ ވެސް ނުދެވޭކަން ޝޭޚަރް ފާހަގަކުރެއްވި އެވެ.

ސިއްހަތު ޖަމިއްޔާގެ ހިސާބުތައް ދައްކާ ގޮތުން ގައުމުތަކުގެ ބަޖެޓުން މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލިތަކަށް ހޭދަކުރަނީ އެންމެ ތިން ޕަސެންޓެވެ. މިއީ އެކަށީގެންވާ ވަރަށް ވުރެ މާ މަދު އަދަދެއް ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

ނަފްސާނީ މައްސަލަތަކާ ހެދި މަސައްކަތްތެރިންގެ މަސައްކަތަށް ހުރަސްއެޅި ގައުމުތަކުގެ އުފެއްދުންތެރިކަން ދަށަށް ދާނެ ކަމަށާއި އެހެންވެ މިއީ ބޮޑު ޚަރަދުކޮށްގެން ވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަން އދ.ގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރި އެވެ. އެގޮތުން އަހަރަކު 1 ޓްރިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދިނެވެ.

ޝޭޚަރް ވިދާޅުވީ ޑިޕްރެޝަނާ ދުރުވާން އޮތް އެންމެ އަވަސް ހައްލަކީ އެކަމާ ވާހަކަދައްކަން ފެށުން ކަމަށެވެ.

"އަޅުގަނޑުމެންގެ ލަފަޔަކީ ޑިޕްރެޝަންއާ ބެހޭ ގޮތުން އެކުވެރިންނާއި އާއިލާ އާއި ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ ވާހަކަ ދެއްކުން،" އޭނާ ވިދާޅުވި އެވެ. "ސަބަބަކީ ޑިޕްރެޝަނާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ފަރުވާ އާއި އެހީގެ ފެށުން."

ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި ޑިޕްރެޝަނަކީ އަމިއްލައަށް މަރުވުމުގެ ވަރަށް ބޮޑު ސަބަބަކަށް މިހާރު ވަނީ ވެފަ އެވެ. އެގޮތުން އަހަރަކު 800،000 މީހަކު އަމިއްލައަށް މަރުވާ ކަމަށް ބެލެވިފައިވެ އެވެ.