އަބްދުއްރަހްމާން މަރާލި ކަމުގެ ދައުވާ ތިން މީހަކަށް އުފުލައިފި
އަބްދުއްރަހްމާން މަރާލި ކަމުގެ ދައުވާ ތިން މީހަކަށް އުފުލައިފި

އއ. މާޅޮހުގައި އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އިއްޔެ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ނިދާފައި އޮއްވައި މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާ އުފުލީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ކަމަށެވެ. އެއީ؛

- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު

- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް

- އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް

އާޝިދުގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ވިސާމާއި ފާރިސް އަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލި މައްސަލައިގެ ތުހުމަތަށް އެ ތިން މީހުން މިދިޔަ އޮގަސްޓް މަހު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށެވެ. އޭނާއަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންގާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.