މި އަހަރު ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި: ޝަރީފް
މި އަހަރު ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި: ޝަރީފް

މި އަހަރު ނިންމާލާނީ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުރިހާ ގޮތަކުން ވެސް އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގައި ކަމަށް އެ ބޭންކުގެ ސިީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މި އަހަރު ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި: ޝަރީފް
މި އަހަރު ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި: ޝަރީފް

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ އިއްޔެ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މާލީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި މި އަހަރު ނިންމާލާނީ އެ ބޭންކުގެ ފައިދާ އާއި ފައިނޭންޝަލް ރޭޝިއޯތަކަށް ބެލިޔަސް "އެންމެ ވަރުގަދަ" އެއް އަހަރުގެ ގޮތުގައި ކަމަށެވެ.

"އެއީ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ނަމްބަރުތަކުން އަޅުގަނޑުމެންނަށް އެކަން އެބަ ހާމަވޭ،" ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ސްޓްރެޓެޖިކް ޕްލޭނުގައިވާ ގޮތުން ވެސް އެ ބޭންކުގެ ވިޔަފާރިތައް އިތުރަށް ދާނީ ފުޅާކުރަމުންނެވެ. އެހެންވެ، މި އަހަރަށް ވުރެ އަންނަ އަހަރު އަދި މާ ބޮޑަށް ވެސް ކާމިޔާބު ވާނެ ކަމަށް ޝަރީފް ގަބޫލު ކުރައްވަ އެވެ.

އޭނާ ވިދާޅުވީ، 10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ފެށި ބީއެމްއެލް މިއަދު 15 ބިލިއަން ރުފިޔާގެ ކެޕިޓަލަކަށް ބަދަލުވެފައިވާއިރު އާންމުންނަށް ވެސް ބޮޑެތި އެހީތަކެއް ވަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ބޭންކުން ބޮޑެތި ލޯނުތަކެއް ދޫކޮށް، ބޮޑެތި ފައިދާތަކެއް ހޯދުމުގެ ބޭނުމަކީ "ބޮޑު ބޭންކަކަށް" ހެދުމަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ މި އަށް ވުރެ ބޮޑަށް ކެޕިޓަލް އިތުރުކޮށް އަޅުގަނޑުމެންގެ ވިޔަފާރި އިތުރަށް ފުޅާކޮށް އަދި ރާއްޖެ އިން ބޭރަށް ވެސް ފުޅާވެގެންދާން. އެ ގޮތަށް ބަލާއިރު ބޭންކު މި އޮތީ ހަމަ އެ ލެވެލް އަށް އިރާދަކުރެއްވިއްޔާ އާދެވިފައި. ބޭންކުގެ ވިޔަފާރިތައް ރަނގަޅު، ބޭންކުގެ ރިސްކު މެނޭޖުމަންޓު ވަރަށް ވަރުގަދަ،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ "ސްޓްރެންތު" ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ގަބޫލު ކުރެ އެވެ.

ބީއެމްއެލް އަށް އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ، އެ ބޭންކު ހިންގަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކުން ބޭރު ނުވާ ކަމުގެ ކަށަވަރުކަން ދެއްވި އެވެ.

"މިކަން އެންމެ ބޮޑަށް ޔަގީން ކުރެވޭނީ އަޅުގަނޑުމެންގެ އޮޑިޓުން. އަޅުގަނޑުމެންނަކީ އަހަރަކު އެއްފަހަރު އޮޑިޓްކުރާ ކުންފުންޏެއް. މިހާރު ވެސް އޮޑިޓް އެބަދޭ އަހަރު ނިމޭތީވެ. އެނުއަލް ޖެނެރަލް މީޓިން އޮވޭ. އަޅުގަނޑުމެން ހިއްސާދާރުންނަށް ޒިންމާވަން. އެ ހުރިހާ މައުލޫމާތެއް އޭޖީއެމްގައި ވެސް ހުށަހަަޅަން،" ޝަރީފް ވިދާޅުވި އެވެ.

"ބޭންކު ދާނީ މިހާރު މި ހުރި ވަރަށް ވުރެ އެތައް ގުނައެއް ކުރިއަރައިގެން. ފައިދާ ވެސް އިތުރުވެގެން އަދި ކުރެވޭ ކަންކަން ވެސް އިތުރުވެގެން ކަން އަޅުގަނޑު ހިއްސާދާރުންނަށް ޔަގީންކޮށް އަރުވަން،" ސީއީއޯ ވިދާޅުވި އެވެ.