22 އަހަރަށްފަހު ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށްފި!
22 އަހަރަށްފަހު ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށްފި!

ފުޓްބޯޅައިގައި 22 އަހަރަށް ފަހު ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށްފި އެވެ.

22 އަހަރަށްފަހު ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށްފި!
22 އަހަރަށްފަހު ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށްފި!

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޑާކާގައި އިންޑިއާ ދެކޮޅަށް ކުޅުނު މެޗު ބަންގްލަދޭޝްއިން ކާމިޔާބު ކުރީ 1-0 ންނެވެ.

މީގެ ކުރިން ބަންގްލަދޭޝްއިން އިންޑިއާ ބަލިކުރީ 2003 ގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ. ޑާކާގައި ކުޅުނު މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ދަތުރުކުރީ ސެމީ ފައިނަލު މެޗުގައި އިންޑިއާގެ މައްޗަށް 2-1 ން ކުރި ހޯދައިގެންނެވެ.

އެ މެޗުގެ 90 މިނެޓް 1-1 ން އެއްވަރުވުމުން، ދެން ނަތީޖާ ނެރެން، ގޯލްޑަން ގޯލަށް ކުޅެ ބަންގްލަދޭޝްގެ މުތީއުރަހުމާން މުއްނާ ޖެހި ލަނޑުން އެ ޓީމުން މެޗު ކާމިޔާބު ކުރި އެވެ. އެ ފަހަރުގެ ފައިނަލުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނީ ރާއްޖެ އެވެ. ޕެނަލްޓީޖަހައިގެން ރާއްޖެ ބަލިކޮށް އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ބަންގްލަދޭޝްއިން ކާމިޔާބު ކުރި އެވެ.

ބަންގްލަދޭޝް އާއި އިންޑިއާގެ ތާރީހީ އެ މެޗަށް ފަހު އެ ދެ ޓީމު ވަނީ މިއަދުގެ މެޗާ ހަމައަށް ޖުމުލަ 10 މެޗު އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ކުޅެފަ އެވެ. އޭގެތެރެއިން ހަތަރު މެޗުން އިންޑިއާ މޮޅުވި އެވެ.

މިފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އާއި އިންޑިއާ ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. މި ދެ ޓީމު އިންޑީއާގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދު އިންޑިއާ ބަލިކުރަން ވެސް އެ ގައުމުން މެޗު ކުޅުނީ މީގެ 22 އަހަރުކުރިން ވެސް މެޗު ކުޅުނު ސްޓޭޑިއަމްގަ އެވެ. ބންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ ބައްޕާފުޅު މުޖީބުއްރަހްމާންގެ ނަންފުޅަށް ނިސްބަތްކޮށް އޭރު ބަންގްބަންދުގެ ނަން ދީފައިވާ ސްޓޭޑީއަމްގެ ނަން، ހަސީނާ ވެރިކަމުން ދުރުކޮށް ބަންގަލްދޭޝް އަށް ގެނައި އިގްލާބާ އެކު ބަދަލު ކުރި އެވެ. މިހާރު އެ ސްޓޭޑިއަމަށް ދީފައިވާ ނަމަކީ ބަންގްލަދޭޝްގެ ނެޝަނަލް ސްޓޭޑީއަމް އެވެ. ހަސީނާ މަރަން ބަންގްލަދޭޝްގެ ކޯޓުން ހުކުމެއް ވަނީ ކޮށްފަ އެވެ. އިންޑިއާގެ ހިމާޔަތް ހޯއްދަވައިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ނިއްދިއްލީގަ އެވެ.

މިހާރުގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާ ބަލިކުރަން ބަންގްލަދޭޝް އަށް ލަނޑު ޖަހައި ދިނީ ޝައިހް މުރްސަލީން އެވެ.

ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ކޮލިފައިންގެ ގުރޫޕް ސީގައި ދެން ހިމެނެނީ ސިންގަޕޫރާއި ހޮންކޮން އެވެ. ގުރޫޕްގެ އެއްވަނައިގައި އޮތީ ސިންގަޕޫރެވެ. ދެވަނައިގައި ހޮންކޮން އެވެ. އިންޑިއާގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑަކާ އެކު ބަންގަލަދޭޝް އޮތީ ތިންވަނައިގަ އެވެ. ދެ ޕޮއިންޓާ އެކު އިންޑިއާ އޮތީ ގުރޫޕްގެ ފުލުގަ އެވެ.