އެމްޑީޕީ ބޮޑު މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި
އެމްޑީޕީ ބޮޑު މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު 3 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރި އަށް މީހަކަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ އިތުރުން ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު އާއި ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން އާއި ނ. ވެލިދޫ، ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހިމް އަދި ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ އެވެ.

ޕީޖީ އޮފީހުން ބުނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެ މީހުންގެ މައްޗަށް ކުރުމަށް ފުލުހުންގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކު އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައި ވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެެވެ.

އެ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެނެ އެވެ.

އެ މީހުންގެ މައްޗަށް ދައުވާނުކުރާން ނިންމިޔަސް އެ އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިމުމާ އެކު އެ މައްސަލަތަކުގައި ވެސް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެެވެ.

މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ހަތް މީހަކު އޭރު ބަންދުކޮށް 15 ދުވަހަށް ބަންދު އިތުރުކުރި އެވެ. އެ މީހުންގެ ތެރެއިން ބަންދު ނުކޮށް ދޫކޮށްލީ މުހައްމަދު ހަލަފް އިބްރާހިމެވެ. އެނގިފައިވާ ގޮތުގައި، ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި އެމްޑީޕީގެ ބޮޑު އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީމަގުން އެ މީހުންނަށް ނުދެވޭނެކަން ފުލުހުން އަންގާފައި ވަނިކޮށް، އެ މަގުން ދާން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީމަގު ބަންދުކޮށްގެން ފުލުހުން ތިއްބާ އެއްވުމުގެ ބައިވެރިން ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން އުޅުމުން އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުންކުރި އެވެ.

އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ތުހުމަތު އެމްޑީޕީން ކުރެ އެވެ. މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލަ ވެސް ބޮޑުވި އެވެ.